7
ދީނުގެ ދަންނަބޭކަލުންނާއި މުޚާޠަބުކޮށް އިސްތިފާނު ބުނި ބުނުން
އުއްތަމަ އިމާމު އިސްތިފާނު ކުރެން ސުވާލު ކުރިއެވެ. ”މި ވާހަކަތަކަކީ ތެދު ވާހަކަތަކެއް ތަ؟“
އިސްތިފާނު ޖަވާބުގައި ދެންނެވިއެވެ. ”އިއްޒަތްތެރި އެންމެ ހާ އަޚުންނޭ، އައްސަވާ. އިބްރާހީމްގެފާނު ޙާރާންއަށް ވަޑައިގަތުމުގެ ކުރިން މެސޮޕޮތާމިޔާގައި އަޅުގަނޑުމެންގެ މަތިވެރި ރަސްކަލާނގެ އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ފާޅުވެ ވަޑައިގެންނެވި. މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް އެންގެވި. ’ކަލޭގެ އަމިއްލަ ރަށާއި ތިމާގެމީހުން ދޫކޮށް ތިމަންކަލާނގެ ދައްކަވާ ރަށަށް ކަލޭ ދާށޭ.‘ ދެން އިބްރާހީމްގެފާނު ފުރާތު ކޯރުގެ ވަށައިގެންވާ ސަރަހައްދު ދޫކޮށް ޙާރާންއަށް ވަޑައިގެން އެތާނގައި ދިރިއުޅުއްވަން ފެށި. ދެން އެކަލޭގެފާނުގެ ބައްޕާފުޅު އަވަހާރަ ވުމުން ތިޔަ އެންމެހާ އަޚުން މިހާރު ތިޔަ ދިރިއުޅެމުންދާ ޤައުމަށް މާތްރަސްކަލާނގެ އިބްރާހީމްގެފާނު ބަދަލު ކުރެއްވި. އޭރު އެކަލާނގެ އިބްރާހީމްގެފާނަކަށް އެ ބިމަކުން އެއްވެސް ބައެއް ހިބަކޮށެއް ނުދެއްވާ. އެންމެ ކުޑަވެގެން ފޫޓެއް ހާ މިންވަރު ވެސް އޭރު އަދި އެކަލާނގެ އިބްރާހީމްގެފާނަކަށް ނުދެއްވާ. ނަމަވެސް މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޢުދުފުޅު ކުރެއްވީ އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިކޮޅުގެ މީހުންނަށް އެބިން ދެއްވާނެ ކަމުގަ. މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް މި ފަދައިން ވަޢުދު ކުރެއްވި އިރު އަދި އިބްރާހީމްގެފާނުގެ އެއްވެސް ދަރިކަލަކު ނުވޭ. މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް އެންގެވީ އެކަލޭގެފާނުގެ ދަރިކޮޅުގެ މީހުން އެމީހުންގެ ޤައުމު ނޫން ބީރައްޓެހި ޤައުމެއްގައި އުޅެން ޖެހޭނެ ކަމުގަ. އަދި އެ ރަށުގައި އަޅުންގެ ގޮތުގައި ވަރަށް އަނިޔާލިބި ހަތަރުސަތޭކަ އަހަރު ހޭދަކުރާނެ ކަމުގަ. މާތްރަސްކަލާނގެ ވަޙީ ކުރެއްވި. ’ނަމަވެސް އެމީހުން އެ ފަދައިން އަޅުވެތި ކުރި ޤައުމަށް ތިމަންކަލާނގެ ކޯފާލައްވާނަމޭ.‘ ދެން އެއަށް ފަހު އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުން އެ ޤައުމުން ބޭރަށް ގޮސް އިބްރާހީމްގެފާނަށާއި އެކަލޭގެފާނުގެ ދަރިކޮޅުގެ މީހުންނަށް މާތްރަސްކަލާނގެ ދެއްވާނެ ބިމުގައި އެބައިމީހުން އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާނެ ކަމުގައި ވެސް މާތްރަސްކަލާނގެ އެންގެވި. މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް އެންގެވި. ’ތިމަންކަލާނގެއާއި ކަލެއާއި ދެމެދު މި ކުރެވުނު ޢަހުދުނާމާ ހަނދާން ހުރިކަމާއި އަދި އެ ޢަހުދުނާމާގައި ކަލޭ އެއްބަސްވެފައިވާ ކަން ހާމަކުރުމަށްޓަކައި ކަލޭމެންގެ ހުރިހާ ފިރިހެންދަރިން ޚިތާނު ކުރަން ޖެހޭނޭ.‘ އެހެން ކަމުން އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ އުމުރުފުޅުން އަށްވަނައަށް ވީދުވަހު އެދަރުކަލުން ޚިތާނު ކުރެއްވި. އަދި ފަހުން އިސްޙާޤުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނު ޚިތާނު ކުރެއްވި. އަދި ޔަޢުޤޫބުގެފާނު ވެސް އެކަލޭގެފާނުގެ ބާރަ ފިރިހެން ދަރިކަލުން ޚިތާނު ކުރެއްވި. މިއީ އަހަރެމެންގެ ދަރިކޮޅުގެ މަޝްހޫރު ބާރަ ކާބަފައިކަލުން.
ޔޫސުފުގެފާނަކީ ވެސް ޔަޢުޤޫބުގެފާނުގެ ބާރަ ދަރިކަލުންގެ ތެރެއިން އެއް ދަރިކަލެއް. ޔޫސުފުގެފާނުގެ އެއްބަފާބޭބެއިން އެކަލޭގެފާނުގެ މައްޗަށް ވަރަށް ބޮޑަށް ހަސަދަވެރިވެ އެކަލޭގެފާނު އަޅެއްގެ ގޮތުގައި މިޞްރަށް ވިއްކާލި. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައިވި. 10 މާތްރަސްކަލާނގެ އެކަލޭގެފާނަށް ދިމާވި ހުރިހާ އުނދަގުލެއްގައި އެކަލޭގެފާނަށް އެހީފުޅުވެ ވޮޑިގެންވި. އަދި މިޞްރުގެ ވެރިޔާ ފިރުޢައުނުގެ ހިތުގައި އެކަލޭގެފާނުގެ މައްޗަށް ޤަދަރު ލެއްވި. އަދި އޭގެ އިތުރުން މާތްރަސްކަލާނގެ ޔޫސުފުގެފާނަށް ވަރަށް މަތިވެރި ޙިކުމަތްތެރިކަން ވެސް ދެއްވި. މިޞްރުގެ ރަސްގެފާނު ޔޫސުފުގެފާނަށް މުޅި މިޞްރުގެ ގަވަރުނަތުކަން ދެއްވި. އަދި އެ ރަސްގެފާނުގެ ގަނޑުވަރުގެ ހުރިހާ މުދަލަކާއި އަގުހުރި އެއްޗެއް ޔޫސުފުގެފާނުގެ ބެއްލެވުމުގެ ދަށަށް ދޫކޮށްލެއްވި.
11 ދެން މުޅި މިޞްރުގައާއި އަދި ކަންޢާނުކަރައަށް ވަރަށް ބޮޑު ތަދަކާއި ކުރިމަތިވެ މީސްތަކުންނަށް ވޭނާއި ކެކުޅުން ލިބުނު. އަދި އަހަރެމެންގެ ކާބަފައިންނަށް އެއްވެސް ގޮތަކުން ކެއުމަށް ބޭނުން ކުރާ ގޮވާން ލިބޭނެ ގޮތެއް ނެތުނު. 12 ދެން ޔަޢުޤޫބުގެފާނަށް މިޞްރުގައި ގޮވާން ލިބެން ހުރި ވާހަކަ އަޑު އިވުމުން އެކަލޭގެފާނު އެކަލޭގެފާނުގެ ބައެއް ފިރިހެން ދަރިކަލުން އަހަރެމެންގެ ކާބަފައިން ފުރަތަމަ ފަހަރަށް މިޞްރަށް ފޮނުއްވި. 13 ދެވަނަ ފަހަރަށް އެބައިމީހުން މިޞްރަށް ދިޔަ ދަތުރު ޔޫސުފުގެފާނު އެކަލޭގެފާނުގެ ބޭބެއިންނަށް އެކަލޭގެފާނަކީ ކާކުކަން ބުނެ ހާމަކޮށް ކިޔާދިން. އަދި ފިރުޢައުނަށް ވެސް ޔޫސުފުގެފާނުގެ އާއިލާއާއި މެދު ހުރިހާ ކަމެއް އެނގިވަޑައިގެންނެވި. 14 ދެން ޔޫސުފުގެފާނު އެކަލޭގެފާނުގެ ބައްޕާފުޅާއި އާއިލާގެ މީހުންނަށް މިޞްރަށް އައުމަށް އެދި ދެންނެވި. އެމީހުންގެ އަދަދު މުޅިއެކު ހަތްދިހަ ފަހެއް ކަމުގައި ވި. 15 ދެން ޔަޢުޤޫބުގެފާނު މިޞްރަށް ވަޑައިގެންނެވި. އެކަލޭގެފާނާއި އަދި އަހަރެމެންގެ ކާބަފައިން ވެސް އެ ރަށުގައި ވަޒަންވެރިވެ އުމުރު ދުވަހަށް އެ ރަށުގައި ދިރިއުޅެ މަރުވެ ދިޔަ. 16 ނަމަވެސް މަރުވުމަށް ފަހު އެމީހުން ވަޅުލުމަށް ޝެޚެމުގައި އިބްރާހީމްގެފާނު ހަމޯރުގެ ދަރިކޮޅުގެ މީހުންގެ އަތުން ގަނެފައިވާ ބިމަށް ގެންދެވުނު.
17 ދެން މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ކުރެއްވި ވަޢުދުފުޅު ފުރިހަމަ ކުރެއްވުމުގެ ވަގުތު އަތުވެއްޖެ. އޭރު އަޅުގަނޑުމެންގެ މީސްތަކުންގެ އަދަދު މިޞްރުގައި ވަރަށް ގިނަ ވެއްޖެ. 18 އޭރު މިޞްރުގެ ވެރިކަމަށް އިސްވި ރަސްގެފާނަށް ޔޫސުފުގެފާނާއި ބޭހޭ ގޮތުން އެއްވެސް އެއްޗެއް ނޭނގޭ. 19 އެ ރަސްގެފާނަކީ މަކަރުވެރި ހީލަތްތެރި ރަސްކަލަކު ކަމުގައިވި. އަދި އެރަސްގެފާނު އަޅުގަނޑުމެންގެ މީސްތަކުންނާއި މެދު ވަރަށް އަނިޔާވެރިކަމާއި އެކު ކަން ކުރަމުން ގެންދިޔަ. އެރަސްގެފާނު އަޅުގަނޑުމެންގެ މީސްތަކުންނަށް އެމީހުންނަށް ލިބޭ ދަރިން ހަމަވިހެއުމާއި އެކު ބޭރަށް އެއްލާލާ މަރުވުމަށް ދޫކޮށްލުމަށް ވެސް އަންގާ މަޖުބޫރު ކުރި.
20  މޫސާގެފާނު ވެސް އުފަންވީ މި ދުވަސްވަރު. އެކަލޭގެފާނު ވީ ވަރަށް ވެސް ރީތި ކުއްޖަކު ކަމުގަ. އެކަލޭގެފާނުގެ މައިންބަފައިން ތިން މަސް ވަންދެން އެކަލޭގެފާނު ބެލެހެއްޓި. 21 ނަމަވެސް ތިން މަސް ވުމުން އެމީހުންނަށް މަޖުބޫރު ވީ ރަސްގެފާނު އަމުރުކުރައްވާފައި ވާ ގަވާއިދާއި އެއްގޮތަށް ކަން ކުރުމަށް. މޫސާގެފާނު ބޭރަށް އެއްލާލެވުނު ހިނދު ރަސްގެފާނުގެ ދަރިކަނބަލުންނަށް އެކަލޭގެފާނު ފެނިވަޑައިގެން ގެންދެވި. އަދި އެ ކަމާނާގެ އަމިއްލަ ދަރިކަލަކު ފަދައިން އެކަލޭގެފާނު ބަލާ ބޮޑު ކުރެއްވި. 22 މޫސާގެފާނަށް މިޞްރުގައި ލިބެން ހުރި އެންމެ މަތީ މޮޅު ތައުލީމު ހާސިލު ވި. އަދި އެކަލޭގެފާނަކީ ބަސްމޮށުންތެރިކަމަށް ކުޅަދާނަ ފުރިހަމަ ބާރުގަދަ ހަށިގަނޑެއްގެ ވެރިއެއް ކަމުގައި ވި.
23 މޫސާގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރުފުޅުގައި އެކަލޭގެފާނުގެ ދަރިކޮޅުގެ މީހުން ކަމުގައި ވީ ބަނީއިސްރާއީލު މީހުންގެ ކަންތައްތައް ހުރިގޮތާއި އެމީހުންގެ ހާލު ބައްލަވާލެއްވުމަށް އެކަލޭގެފާނު އެމީހުންގެ ގާތަށް ޒިޔާރަތް ކުރެއްވުމަށް ގަސްތު ކުރެއްވި. 24 އެދުވަހު މޫސާގެފާނަށް މިޞްރުގެ މީހަކު ބަނީއިސްރާއީލު މީހަކަށް އަނިޔާކޮށް ނިކަމެތިކޮށް ކަން ކުރާ ތަން ފެނިވަޑައިގަތް. އެކަލޭގެފާނު އެ ބަނީއިސްރާއީލު މީހާ ސަލާމަތްކޮށް އޭނާއަށް އަނިޔާދިން މީހާ މަރާލި. 25 މޫސާގެފާނު ހީފުޅު ކުރެއްވީ އެކަލޭގެފާނު މެދުވެރިކުރައްވާ މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން މިނިވަން ކުރައްވަން އުޅޭކަން ބަނީއިސްރާއީލުގެ އެންމެ ހާ މީސްތަކުންނަށް ވެސް އެނގޭނެ ކަމުގަ. ނަމަވެސް އެމީހުންނަކަށް މި ކަމެއް ނުވިސްނުނު.
26 އަނެއްދުވަހު ބަނީއިސްރާއީލުގެ ދެމީހަކު އެކަކު އަނެކަކާ ޒުވާބުކޮށް ތަޅާ ފޮޅަނިކޮށް މޫސާގެފާނު ދެކެވަޑައިގަތް. އެހިނދު އެދެމީހުން ސުލްޙަ ކުރެއްވުމަށްޓަކައި މޫސާގެފާނު ވިދާޅުވި. ’އޭ ބަލަ ކަލޭމެން ދެމީހުން ތިޔައީ ދެ އަޚުންނެއް ނޫން ހޭ؟ ވީއިރު ކަލޭމެން ދެމީހުން ތިޔަ ހާ ނުބައިކޮށް އެކަކު އަނެކަކާ ދޭތެރޭ ތިޔަ ކަން ކުރަނީ ކީއްވެ ހޭ؟‘
27 މިއަޑުއަހާ އެދެމީހުންގެ ތެރެއިން ފުރަތަމަ ޒުވާބު ފެށި މީހާ މޫސާގެފާނު ކޮއްޕާލާފައި ބުނި. ’ކަލޭ ތިޔައީ އަހަރެމެންގެ ވެރިޔާ ނުވަތަ ގާޒީ ކަމުގައި ޢައްޔަން ކުރީ ކާކު ހޭ؟ 28 އިއްޔެގަ އެ މިޞްރުގެ މީހާ މަރާލި ހެން ތި އުޅެނީ އަހަރެން ވެސް މަރާލަން ހޭ؟‘ 29 މޫސާގެފާނަށް މި ބަހުގެ އަޑު އިވިވަޑައިގެން މިޞްރު ދޫކޮށް މިދްޔާން އޭ ކިޔުނު ރަށުގައި ބީރައްޓެއްސެގެ ގޮތުގައި ވަޒަންވެރިވެ ދިރިއުޅުއްވި. އެކަލޭގެފާނުގެ ދެފިރިހެން ދަރިކަލުން އުފަންވީ އެ ރަށުގަ.
30 މީގެ ސާޅީސް އަހަރު ފަހުން ޠޫރުސީނާ ފަރުބަދަ ކައިރީގައި އަނދަ އަނދާ ހުރި ގަސްބޮނޑިއެއްގެ ތެރެއިން މަލާއިކަތަކު އެކަލޭގެފާނަށް ފެނިވަޑައިގެންނެވި. 31 އެމަލާއިކަތާ ފެނިވަޑައިގަތުމުން ވީ ހައިރާނުގެ ސަބަބުން މޫސާގެފާނު ރަނގަޅަށް ބައްލަވާލެއްވުމުގެ ގަސްތުގައި ތަން ކޮޅެއް ކައިރިއަށް ޖެހިވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް އިވި ވަޑައިގަތީ މަތިވެރި މާތްރަސްކަލާނގެ ވަޙީ ބަސްފުޅުގެ އަޑުފުޅު. 32 ’މިއީ ތިމަންކަލާނގެ. ކަލޭގެފާނުގެ ކާބަފައިން ކަމުގައިވާ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ ކަލާނގެ.‘ މޫސާގެފާނަށް އެ އަޑުފުޅު އިވުމުން ބިރުން ގޮސް ރޫރޫއަޅަން ފެށި. އަދި އިތުރަށް އިސް އުފުލާ އެދިމާއަށް ބަލާލަން ވެސް ނުކެރުނު.
33 މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވި. ’ކަލޭގެފާނުގެ ފައިވާން ބާލާށޭ. އެއީ ކަލޭގެފާނު ތިޔަ ހުރީ މާތް ބިމެއްގެމަތީގައޭ. 34 ތިމަންކަލާނގެ މީސްތަކުންނަށް މިޞްރުގައި ލިބެމުންދާ އަނިޔާ އާއި އެމީހުންގެ ވޭނުން ފުރިފައި ވާ ރުއިމުގެ އަޑު ތިމަންކަލާނގެ އައްސަވާ ވޮޑިގެންފިމޭ. އެހެން ކަމުން ތިމަންކަލާނގެ އެމީހުން ސަލާމަތްކޮށް މިނިވަން ކުރާނަމޭ. އާދޭ. ތިމަންކަލާނގެ ކަލޭގެފާނު އަނބުރާ މިޞްރަށް ފޮނުވާނަމޭ.‘
35 މޫސާގެފާނަކީ ބަނީއިސްރާއީލު މީހުން އެމީހަކާއި ގަބޫލު ނުވި މީހާ. އެމީހުން މޫސާގެފާނާއި ދިމާލަށް ބުނި. ’ކަލޭ ތިޔައީ އަހަރެމެންގެ ވެރިޔާ ނުވަތަ ގާޒީ ކަމުގައި ލީ ކާކު ހޭ؟‘ ނަމަވެސް އަދަމުން ދިޔަ ގަހުގެތެރެއިން މާތްރަސްކަލާނގެ ދެއްކެވި މަލާއިކަތާ މެދުވެރިކުރައްވާ ބަނީއިސްރާއީލު މީހުންގެ މައްޗަށް ވެރިކަން ކުރުމަށާއި އަދި އެމީހުން ސަލާމަތް ކުރުމަށް އެކަލާނގެ ފޮނުއްވީ ހަމަ އެ މޫސާގެފާނު. 36 އަދި އެތައް މުޢުޖިޒާތްތަކަކާއި އަލާމާތްތަކެއް މެދުވެރިކޮށް ބަނީއިސްރާއީލު މީހުން ސަލާމަތްކޮށް މިޞްރުން ނެރެ ބަހުރުލްއަހުމަރުގެ ތެރެއިން ގެންދިއުމަށް މާތްރަސްކަލާނގެ އެކަލޭގެފާނަށް ބާރު ދެއްވި. އަދި ހަނަފަސް ސަހަރާގެ ތެރޭގައި ސާޅީސް އަހަރުވަންދެން އެމީހުންގެ ކަންތައްތައް ބަލަހައްޓާ އެމީހުންގެ މައްޗަށް ވެރިކަން ކުރީ އެކަލޭގެފާނު.
37 މޫސާގެފާނު ބަނީއިސްރާއީލު މީހުންނަށް އެންގެވި. ’ބަނީއިސްރާއީލު މީހުންގެ ތެރެއިން އަހަރެން ފަދަ އެހެން ރަސޫލު ބޭކަލަކު މާތްރަސްކަލާނގެ ކަލޭމެންގެ ގާތަށް ފޮނުއްވާނޭ. އެކަލޭގެފާނީ ކަލޭމެން ފަދަ ބަނީއިސްރާއީލު މީހަކު ކަމުގައި ވާނޭ.‘ 38 އަހަރެމެންގެ މީސްތަކުން އެކުގައި ހަނަފަސް ބިމަށް ގެނެސް އެމީހުންނާއި އެކުގަ އެތާނގައި ތިބި މޫސާގެފާނު. އަދި ޠޫރުސީނާ ފަރުބަދައިގައި މާތްރަސްކަލާނގެ މަލާއިކަތާ އެކަލޭގެފާނަށް ދިރިހުރުން ލިބޭ މި ބަސްފުޅުތައް އަހަރެމެންނަށް އަންގައިދިނުމަށްޓަކައި ވިދާޅުވި.
39 ނަމަވެސް އަހަރެމެންގެ ކާބަފައިން އެކަލޭގެފާނުގެ ބަސްފުޅުތަކަކަށް ކިޔަމަންތެރިއެއް ނުވި. އެމީހުން އެކަލޭގެފާނާއި ދެކޮޅު ހަދާ އެނބުރި މިޞްރަށް ދިއުމަށް ހިތުގެއަޑިން އެދުނު. 40 މޫސާގެފާނު ފަރުބަދަ މަތީގައި ވަނިކޮށް އެމީހުން ހާރޫނުގެފާނަށް ބުނި. ’އަހަރެމެންނަށް މަގުދައްކާނެ ކަހަލަ ކަލާނގެތަކެއް އަހަރެމެންނަށް ހަދާދޭށޭ. އެއީ އަހަރެމެން މިޞްރުން ނެރެގެން ގެނައި މި މޫސާގެފާނަށް ވީ ގޮތެއް އަހަރެމެންނަކަށް ނޭނގެއޭ.‘ 41 ދެން ހަމަ އެހިނދު އެމީހުން ޅަގެރިއެއްގެ ސިފައިގަ ކަލާނގެއެއް ހަދާ އެއަށް ޤުރުބާންތައް ކޮށް އެކަމުގެ މައްޗަށް އުފާ ފާޅު ކުރި. 42 އެކަމުގެ ސަބަބުން މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުން ދޫކޮށް ލައްވާ އެމީހުންނަށް ފުރަގަސް ދެއްވި. ދެން އެމީހުން އުޑުގައިވާ ތަރިތަކަށް އަޅުކަން ކުރި. މި ކަންތައް އެ ހިނގައިދިޔައީ ނަބީބޭކަލުންގެ ފޮތްކޮޅުގައި ލިޔެވިގެން ވީ ފަދައިން.
’އޭ ބަނީއިސްރާއީލު މީހުންނޭ. ކަލޭމެން ހަނަފަސް ސަހަރާގެ ބިމުގައި ހޭދަކުރި ސާޅީސް އަހަރު ޤުރުބާންތައް ކޮށް ވެދުންތަކައިގެން އައީކީ ތިމަންކަލާނގެ އަރިހަކަށް ނޫނޭ.
43 ކަލޭމެންގެ ހިތުގައި އެންމެ މުހިންމު މަޤާމެއް ދެވިފައިވީ ކަލޭމެންގެ އަތުން ހަދާފައިވީ ކަލާނގެތައް ކަމުގައިވާ ތަކެއްޗާ މެދުއޭ. މޮލޯޚުގެ ބުދުފައްޅިއަށޭ. ރެފާންއޭ ކިޔުނު ކަލާނގެ ގެ ތަރިއަށޭ. މިއީ ކަލޭމެންގެ އަމިއްލަ އަތުން އަޅުކަން ކުރުމަށްޓަކައި ހެދި ކަލާނގެތަކޭ. ކަލޭމެން ތިޔަ ހެން ކަން ކުރުމުގެ ސަބަބުން ތިމަންކަލާނގެ ކަލޭމެން ބާބިލޯނިޔާއަށް ވުރެ ވެސް ދުރަށް ފޮނުވާލާނަމޭ.‘
44  މާތްރަސްކަލާނގެ ފޭލިގެކޮޅު އަހަރެމެންގެ ކާބަފައިން ހަނަފަސް ސަހަރާގެ ބިމަށް ގެންދިޔައެވެ. އެ ފޭލިގެކޮޅު ހެދިފައި ވީ މާތްރަސްކަލާނގެ މޫސާގެފާނަށް އެތަން ހެދުމަށް އެންގެވި ގޮތަށް އެންގެވި މިނަށް. މި ޚާއްސަ ފޭލިގެކޮޅު ހެދިފައިވީ މާތްރަސްކަލާނގެ މޫސާގެފާނަށް ދެއްކެވި ނަމޫނާއާ މުޅިން އެއްގޮތަށް ވެސްމެ. 45 އަދި މީގެ އެތައް ޒަމާނެއް ފަހުން މި ބިމުގައި ވީ މާތްރަސްކަލާނގެ ކިބައަށް އީމާން ނުވާ ޤައުމުތަކުގެ މީސްތަކުން މި ބިމުން އެކަލާނގެ ފައްސަވާލެއްވި. އަދި ކާބަފައިންގެ ކިބައިން މިލްކުވި މިފޭލިގެ ޔަޝޫޢުގެފާނުގެ ވެރިކަމުގެ ދަށުގައި އެމީހުންނަށް އަލަށް ލިބުނު ބިންތަކުގައި ވެސް ބެހެއްޓުނު. އަދި ދާއޫދުގެފާނުގެ ރަސްކަމާއި ޖެހެންދެން ވެސް އެ ފޭލިގެ އެތަނުގައި ހުރި.
46 މާތްރަސްކަލާނގެ ރުހިވޮޑިގަތުން ދާއޫދުގެފާނަށް ލިބިވަޑައިގެން ވި. އަދި އެކަލޭގެފާނު މާތްރަސްކަލާނގެ ކިބަފުޅުން އެދިލެއްވީ ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށްޓަކައި ތަނެއް ހެދުމަށް. 47 އެކަމަކު މި އަޅުކަން ކުރުމަށް ޚާއްސަކުރެވުނު ޢިމާރާތް ބިނާކުރީ ސުލައިމާނުގެފާނު. 48 ނަމަވެސް އެންމެ މަތިވެރި ކަލާނގެ ވޮޑިގެންވަނީކީ އިންސާނުންގެ އަތުން ބިނާކޮށްފައިވާ ޢިމާރާތްތަކަކު ނޫން. ނަބީ ޔަޝަޔާޙުގެފާނަށް މާތްރަސްކަލާނގެ އެކަލާނގެ ކިބަފުޅާއި މެދު މިފަދައިން ވަޙީ ކުރެއްވި.
49 ’ތިމަންކަލާނގެ ތަޚުތަކީ އުޑޭ. ތިމަންކަލާނގެ ފައިދަށުގޮނޑިއަކީ ބިމޭ. ވީއިރު ތިމަންކަލާނގެ ކިބަފުޅަށްޓަކައި ކަލޭމެން ބިނާކުރާނީ ކޮންކަހަލަ އިމާރާތެއް ހޭ؟ ތިމަންކަލާނގެ ދިރިއުޅޭނީ ކޮންކަހަލަ ތަނެއްގަ ހޭ؟
50 ތިމަންކަލާނގެއީ ހުރިހާ އެއްޗެއް އުފައްދަވާ ހެއްދެވި ކަލާނގެއެއް ނޫން ހޭ؟‘ “
51 އިސްތިފާނު ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. ”ކަލޭމެންނަކީ ގޮތް ދޫ ނުކުރާ ޖާހިލު މާތްރަސްކަލާނގެ ކިބަފުޅަށް އީމާން ނުވާ ބައެއް. ކަލޭމެންގެ ކަންފަތްތައް ތިޔަ ވަނީ ބަންދުވެފަ. އެހެން ކަމުން ކަލޭމެންނަކަށް މާތްރަސްކަލާނގެ ބަސްފުޅުގެ އަޑެއް ނީވޭ. ކަލޭމެން އަބަދު ވެސް މާތްރަސްކަލާނގެ މާތްރޫޙުފުޅާއި ދެކޮޅުވެރިވޭ. ކަލޭމެންގެ ކާބަފައިން ވެސް ކަން ކުރީ ހަމައެފަދައިން. 52 ކަލޭމެންގެ ކާބަފައިން އަނިޔާ ނުކުރާ ދެރަކޮށް ނަހަދާ އެންމެ ނަބީބޭކަލަކު ވެސް ވޭ ތަ؟ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވާނެ މަތިވެރި ޞާލިޙު މީހާ އަންނަ ވާހަކަ ފާޅުކޮށް އެންގުމަށް ފޮނުއްވި ނަބީބޭކަލުން ވެސް އެމީހުން މަރާލި. އަދި މިހާރު ކަލޭމެން އެ ޚާއްސަކުރައްވާ ފޮނުއްވި މަތިވެރި މީހާ އާއި ވެސް ދެކޮޅުހަދާ އެކަލޭގެފާނު ވެސް މަރާލާފީމު. 53 މާތްރަސްކަލާނގެ މަލާއިކަތުން މެދުވެރިކުރައްވާ މޫސާގެފާނަށް އެންގެވި ބަސްފުޅުތައް އެކަލޭގެފާނު ކަލޭމެންނަށް އަންގަވައި ދެއްވި. ނަމަވެސް ކަލޭމެން އެ ބަސްފުޅުތަކަށް ނުކިޔަމަންތެރިވޭ.“
މީސްތަކުން ހިލައިންތަޅާ އިސްތިފާނު މަރާލި
54 އިސްތިފާނުގެ މި ވާހަކަތައް އިވުމުން ބަނީއިސްރާއީލުގެ ވެރިން އޭނާ ދެކެ ރުޅިއައިސް ރަތްވިއެވެ. 55 ނަމަވެސް އިސްތިފާނު ވީ މާތްރޫޙުފުޅުން ފުރިފައެވެ. އޭނާ އުޑާއި ދިމާ މައްޗަށް ބެލިއެވެ. އެވަގުތު އޭނާއަށް ފެނުނީ މާތްރަސްކަލާނގެ މަތިވެރި ކަރާމަތްފުޅުގެ ވިދާ ނޫރުފުޅެވެ. އަދި މަތިވެރި ކަލާނގެ ކަނާއަތްޕުޅު ފަރާތުގައި އީސާގެފާނު ވަނިކޮށެވެ. 56 އެވަގުތު އިސްތިފާނު ބުންޏެވެ. ”އަހަރެންނަށް ސުވަރުގޭގެ ދޮރޯށިކޮޅުތައް ހުޅުވިގެން ވާތަން އެބަފެނޭ. އަދި މަތިވެރި ކަލާނގެ ދެއްވާ އެންމެ މަތިވެރި މަޤާމުގައި އިންސާނާގެ ދަރިކަލުން ވާތަން މަށަށް އެބަފެނޭ.“
57 ހަމައެވަގުތު ބަނީއިސްރާއީލުގެ ދީނީކޯޓުގައި ވީ އެންމެން އިސްތިފާނުގެ އެ ވާހަކަތަކުގެ އަޑުނާހަން ވެގެން ކަންފަތުގައި އަތް އަޅާ ހަޅޭއްލަވަން ފެށިއެވެ. އަދި އެންމެން އެއްފަހަރާ އޭނާއާ ދިމާޔަށް ދުއްވައިގަތެވެ. 58 އަދި އެމީހުން އިސްތިފާނު ދަމާ ގެންގޮސް ރަށުގެ ބޭރަށް ގެންދިޔައެވެ. ދެން އޭނާގެ ގަޔަށް ހިލަ އުކަން ފެށިއެވެ. އިސްތިފާނު އާއި ދެކޮޅަށް ހެކިދިން ހެކިން ދިޔައީ އެމީހުންގެ ގައިގައި ވީ ސާލުތައް އެތާނގައި ތިބި ޝާއުލްއޭ ކިޔުނު ޒުވާން ފިރިހެނަކާއި ހަވާލުކޮށްފައެވެ. 59 އެމީހުން އިސްތިފާނު މަރާލުމަށް އޭނާގެ ގައިގައި ހިލަތަކުން ތަޅަމުން ދިޔަ ވަގުތު އިސްތިފާނު ދުޢާ ކުރިއެވެ. ”މާތްސާހިބާ އީސާގެފާނު. މި އަޅާގެ ފުރާނައާއި ހަވާލުވާ.“ 60 އޭނާ ބިންމަތީ ކަކޫ ޖަހައިގެން އޮވެ ރޮއެގަތެވެ. ”މާތްސާހިބާ. އެމީހުންގެ މި ފާފައިގެ އަޒާބު އެމީހުންނަށް ނުދެއްވާފާނދޭ.“ ހަމަ އެހެން ބުނެ ނިމުނު ވަގުތު އޭނާގެ ފުރާނަ ދިޔައެވެ.