3
އީސާގެފާނަށް އީމާންވެ ތިބި އެންމެންނަކީ މާތްރަސްކަލާނގެ ދަރިން 
 
1 މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާ މިންވަރުގެ ބޮޑުކަމާއިމެދު ނިކަން ވިސްނާލަބާލާށެވެ! އެގޮތުގެ މަތިން އެކަލާނގެ ދަރިންގެ ލަގަބު އެކަލާނގެ އަހަރެމެންނަށް ދެއްވިއެވެ. ހަމަ ޔަޤީނުން ވެސް އަހަރެމެންނީ އެކަލާނގެ ދަރިންނީމުއެވެ! ނަމަވެސް މި ދުނިޔޭގައި ވީ މީސްތަކުންނަށް އަހަރެމެންނީ އެކަލާނގެ ދަރިން ކަން ނޭނގެނީ އެބައިމީހުންނަށް މާތްރަސްކަލާނގެ ނޭނގޭތީއެވެ.  
2 އިޚުލާސްތެރި ރަޙުމަތްތެރިންނޭވެ! މިހާރު އަހަރެމެންނީ މާތްރަސްކަލާނގެ ދަރިންނެވެ. ފަހުން އަލްމަސީޙު މި ދުނިޔެއަށް އެނބުރި ވަޑައިގަންނަވާ ހިނދު އަހަރެމެން ދެން ވާނީ ކޮންފަދަ ބަޔަކަށް ކަމެއް އަހަރެމެންނަކަށް ނޭނގެއެވެ. ނަމަވެސް ޔަޤީންކަމާއެކު އަހަރެމެންނަށް އެނގެނީ އަލްމަސީޙު އެނބުރި މި ދުނިޔެއަށް ވަޑައިގެންނެވުމުން އަހަރެމެން އެކަލޭގެފާނާ އެއްގޮތް ވާނޭ ކަމެވެ. ސަބަބަކީ އަހަރެމެންނަށް އެކަލޭގެފާނުގެ އަސްލު ޒާތުފުޅު އޭރުން ސާފުކޮށް ފެންނާނެތީއެވެ.  
3 އެހެންވީމާ، އެކަލޭގެފާނުގެ އެނބުރި ވަޑައިގަތުމަށް އިންތިޒާރު ކުރަމުން ގެންދާ ފަރާތްތައް ތިބޭނީ ފާފައިން އެއްކިބާވެ، އެކަލޭގެފާނު ހުންނެވި ފަދައިން ތާހިރުކަން މަތީގައެވެ.   
4 ފާފަކުރުމުގައި ދެމިހުންނަ ކޮންމެ މީހަކީ މާތްރަސްކަލާނގެ ކިބަފުޅަށް އުރެދޭ މީހެކެވެ. އެހެނީ ފާފަ ކުރުމަކީ އެކަލާނގެ އަމުރުފުޅު މުގުރައިލުމެވެ.  
5 އަދި އީސާގެފާނު ވަޑައިގެންނެވީ އަހަރެމެން ހުރިހާ އެންމެންގެ ފާފަ ޢަފޫކޮށްދެއްވުމަށް ކަން ތިޔަބައިމީހުންނަށް އެނގޭނެއެވެ. އަދި އެކަލޭގެފާނީ ފާފައިން ހުސްދުރުވެގެންވާ ބޭކަލެއްކަން ވެސް ތިޔަބައިމީހުން ދަންނާނެއެވެ.  
6 އެހެންވީމާ، އަލްމަސީޙާއި އެއްބައިވަންތަ ކަމުގައިވާ އެއްވެސް ފަރާތަކުން ފާފަ ކުރުންމަތީގައި ދެމިހުރެގެން ނުވާނެއެވެ. ނަމަވެސް ފާފަކުރުންމަތީގައި ދެމިހުންނަ މީހަކަށް އެކަލޭގެފާނެއް ނުފެނެވެ. ނުވަތަ އެމީހަކަށް އެކަލޭގެފާނެއް ނޭނގެއެވެ.   
7 އަހަރެންގެ ދަރިންނޭވެ! އެއްވެސް މީހަކަށް ތިޔަބައިމީހުން މަގުފުރެއްދުމަށް ފުރުސަތު ނުދީ ސަމާލުވެ ތިބޭށެވެ. މީސްތަކުން ހެޔޮ އަމަލުތައް ކުރުމުން ދައްކައިދެނީ އެބައިމީހުންނަކީ ޞާލިޙު ބައެއް ކަމެވެ. އަދި އެބައިމީހުން އަލްމަސީޙު ފަދައިން ޞާލިޙު ކަމެވެ.  
8 ފާފަކުރުން މަތީގައި ދެމިހުންނަ މީހަކީ ޝައިތާނާއަށް މިލްކުވެގެންވާ މީހެކެވެ. ސަބަބަކީ ދުނިޔެ ފެށުނީއްސުރެން ޝައިތާނާ ވަނީ ފާފަކުރުންމަތީގައެވެ. މާތްރަސްކަލާނގެ ދަރިކަލުން މި ދުނިޔެއަށް ވަޑައިގެންނެވީ ޝައިތާނާގެ އެންމެހާ އަމަލުތަކެއް ނެތިކުރެއްވުމަށެވެ.   
9 މާތްރަސްކަލާނގެ ދަރިންގެ ގޮތުގައިވާ އެއްވެސް ބަޔަކު ފާފަކުރުމުގައި ދެމިއެއް ނުތިބެއެވެ. ސަބަބަކީ އެބައިމީހުންގެ ކިބައިގައި މާތްރަސްކަލާނގެ ޒާތުފުޅު ވޮޑިގެންވާކަމެވެ. އެހެންވީމާ، އެފަދަ ބަޔަކު ފާފަކުރުން މަތީގައި ދެމި ތިބުމަކީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ. ސަބަބަކީ އެފަދަ ބަޔަކު ވާނީ މާތްރަސްކަލާނގެ ދަރިން ކަމުގައެވެ.  
10 މާތްރަސްކަލާނގެ ދަރިންނާއި އަދި ޝައިތާނާގެ ދަރިންނާ ދެމެދުގައިވާ ތަފާތު އަހަރެމެންނަށް އެނގެނީ މިގޮތުންނެވެ. އެމީހަކީ ޞާލިޙުކަން މަތީ ނޫޅޭ މީހަކުނަމަ ނުވަތަ އެމީހާގެ އަޚުންނާއި އުޚުތުންނާ މެދު ލޮބުވެތި ކަން ނުބާއްވާ މީހެއް ނަމަ، އެފަދަ މީހަކީ މާތްރަސްކަލާނގެ ދަރިއެއް ކަމުގައެއް ނުވާނެއެވެ.   
11 ފެށުނީއްސުރެން ތިޔަބައިމީހުން އަޑުއަހަމުން އައި އެންގެވުމަކީ މިއީއެވެ: ”އަހަރެމެން އެކަކު އަނެކަކު ދެކެ ލޯބިވޭ!“  
12 އަހަރެމެންނަކީ ޤާއިން ފަދަ ބައެއް ނޫނެވެ. އޭނާ މިލްކުވެގެންވީ ޝައިތާނާއަށެވެ. އަދި އޭނާ އޭނާގެ ކޮއްކޮ ހާބީލް މަރައިލިއެވެ. ޤާޔިން އޭނާގެ ކޮއްކޮ ގަތުލު ކުރީ ކީއްވެ ހެއްޔެވެ؟ އެއީ ޤާޔިން ކުރީ ނުބައިވެގެންވީ އަމަލުތަކެއް ކަމުންނެވެ. ނަމަވެސް އޭނާގެ ކޮއްކޮ ކުރި އަމަލުތަކަކީ ސާލިޙު އަމަލުތަކެއް ކަމުންނެވެ.   
13 އެހެންވީމާ، އަޚުންނާއި އުޚުތުންނޭވެ! މި ދުނިޔޭގެ މީހުން ތިޔަބައިމީހުންނާ މެދު ނަފްރަތު ކުރުމުން އެކަމާމެދު ތިޔަބައިމީހުން ޙައިރާން ނުވާށެވެ.  
14 އަހަރެމެން އެކަކު އަނެކަކަށް ލޮބުވެތި ކަން މަތީ ތިބޭ ތިބުމުން ސާބިތު ކޮށްދެނީ އަހަރެމެން މަރުވެ ތިބުމަށް ފަހު އާ ޙަޔާތެއް ލިބިއްޖެ ކަމެވެ. އަނެކާގެ މައްޗަށް ލޯތްބެއްނުވާ ކޮންމެ މީހަކީ އަދިވެސް މަރުވެފައިވާ މީހެއްމެއެވެ.  
15 އެއްވެސް އަޚަކު ނުވަތަ އުޚުތަކު އަނެކާ އާ މެދު ނަފްރަތު ކުރާނަމަ އޭނާއަކީ ގާތިލެއް މެއެވެ. އަދި އެފަދަ ގާތިލުންގެ ކިބައިގައި ނިމުންނުވާ ޙަޔާތެއް އެކުލެވިފައެއް ނުވެއެވެ.  
16 އީސާގެފާނު އަހަރެމެންނަށްޓަކައި އެކަލޭގެފާނުގެ ޙަޔާތްޕުޅު ދެއްވުމުގެ ސަބަބުން އަހަރެމެންނަށް ލޯތްބަކީ ކޮބައިކަން އެނގިއްޖެއެވެ. އެހެންވީމާ، އަހަރެމެންގެ މުޅި ޙަޔާތް ވެސް އަހަރެމެންގެ އަޚުންނާއި އުޚުތުންނަށް ދޭންޖެހެއެވެ.  
17 ނަމަވެސް އަހަރެމެންގެ ތެރެއިން މީހަކު ތަނަވަސް ޙަޔާތެއްގައި ވާހިނދު އަދި އޭނާގެ އަޚާއާއި އުޚުތާގެ ޒަރޫރީ ބޭނުންތައް ފެނުނަކަސް އެހީތެރިއެއް ނުވެއެވެ. އެކަމުން ދައްކަނީ މިފަދަ މީހާ މާތްރަސްކަލާނގެ ދެކެ ލޯތްބެއް ނުވާކަމެވެ.  
18 އަހަރެންގެ ދަރިންނޭވެ! އަހަރެމެން މީސްތަކުންނާއިމެދު ލޮބުވެތިކޮށް ހިތާންވީ ހަމައެކަނި ބަސްތަކަކުން ނުވަތަ ބުނާއެއްޗަކުންނެއް ނޫނެވެ. ނަމަވެސް އަހަރެމެންގެ ލޮބުވެތިކަން ދައްކައިދޭންވީ ތެދު ހިތުން މީސްތަކުންނަށް އެހީތެރިވެދީގެންނެވެ.   
19 އަހަރެމެންގެ އަމަލުތައް މިފަދައިން ހުރުމުން އަހަރެމެން ނިސްބަތްވަނީ ޙައްޤު ތެދަށް ކަން އެނގޭނެއެވެ. މިކަމުން އަހަރެމެންނަށް މާތްރަސްކަލާނގެ ޙަޟްރަތުގައި ހިތްހަމަޖެހުމާއެކު ތިބެވޭނެ ކަމުގެ އިތުބާރު ލިބިދެއެވެ.  
20 އަދި އަހަރެމެންގެ ޒަމީރު އަހަރެމެން ކުށްވެރި ކުރާނަމަ އެޒަމީރަށް ވުރެން މާތްރަސްކަލާނގެ މާ މަތިވެރިކަން އަހަރެމެންނަށް އެނގެއެވެ. އަދި އެކަލާނގެއީ އެންމެހާ ކަންތައް މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެ ކަން ވެސް އަހަރެމެންނަށް އެނގެއެވެ.  
21 އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންނީ ކުށްވެރިކަމުގެ އިހުސާސްތައް ނުވާ ބައެއް ނަމަ މާތްރަސްކަލާނގެ ޙަޟްރަތަށް އަންނަން އަހަރެމެންނަށް ކެރޭނެއެވެ.  
22 އަދި މާތްރަސްކަލާނގެ ކިބަފުޅުން އަހަރެމެން އެދި ދަންނަވާ އެންމެހާ ކަންތައް އެކަލާނގެ ފުއްދަވައި ދެއްވާނެއެވެ. ސަބަބަކީ އަހަރެމެންކުރާ ކަންތަކަކީ އެކަލާނގެ އެދިވޮޑިގަންނަވާ ފަދަ ކަންތައް ކަމަށް ވާތީއެވެ. އަދި އަހަރެމެން ޙަޔާތު ވޭތުކުރަމުން ގެންދަނީ އެކަލާނގެއަށް ކިޔަމަންތެރިކަން މަތީގައި ކަމަށް ވާތީ ވެސް މެއެވެ.  
23 މާތްރަސްކަލާނގެ އެދިވޮޑިގަންނަވަނީ އީސާ އަލްމަސީޙަކީ އެކަލާނގެ ދަރިކަލުން ކަމަށް އަހަރެމެން އީމާން ވުމަށެވެ. އަދި އަހަރެމެން އެކަކު އަނެކަކަށް ލޮބުވެތިކޮށް ހިތުމަށެވެ. މިއީ މާތްރަސްކަލާނގެ އަހަރެމެންނަށް އަމުރުފުޅު ކުރައްވާފައިވާ ކަންތަކެވެ.  
24 އަހަރެމެންނީ މާތްރަސްކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ ބައެއް ނަމަ އަހަރެމެން ވާނީ މާތްރަސްކަލާނގެ އާ ގުޅި ލާމެހިފައެވެ. އަދި އެކަލާނގެ ވާނީ އަހަރެމެންނާ ގުޅިލާމެހިފައި ވެސްމެއެވެ. އެކަލާނގެ އަހަރެމެންނާ ގުޅި ލާމެހިފައިވާކަން އަހަރެމެންނަށް އެނގެނީ މާތްރޫޙުފުޅު އަހަރެމެންގެ ކިބައިގައި ވާތީއެވެ.