21
ދާއޫދުގެފާނު ޝާއުލްގެފާނަށް ފިއްލެވުން
1 ދާއޫދު ނައުބު އަވަށަށް ގޮސް އަޚީމާލިކު އިމާމުގެ ގާތަށް ދިޔައެވެ. އަޚީމަލިކު ނުކުމެ ދާއޫދުއާ ބައްދަލު ވީހިނދު އޭނާ ބިރުން ތުރުތުރު ލައިގެންފި އެވެ. އޭނާ އެއްސެވެ. ”⁠ކަލޭ އެކަނި ތިޔަ އައީ ކީއްވެތަ؟ ކަލެއާއެކު އެކަކު ވެސް ނާދޭތަ؟⁠“
2 ދާއޫދު އަޚީމާލިކު އިމާމަށް ޖަވާބުދިނެވެ. ”⁠ރަސްގެފާނު އަހަރެން ފޮނުވާފައި މިވަނީ ޚާއްސަ ކަމެއް މަތިކޮށްފައި. އެކަލޭގެފާނު އަންގަވާފައި ވަނީ އެކަންތަކުގެ ވާހަކަ އެއްވެސް މީހަކަށް ނޭންގުމަށް. އަހަރެންގެ މީހުންނަށް ވެސް އަހަރެން އަންގާފައި ވަނީ އެވެނި މިވެނި ތަނަކުން ބައްދަލު ކުރުމަށް. 3 ކަލޭގެ އަތުގައި އަހަންނަށް ދޭނެ އެއްޗެއް އެބަހުރިތަ؟ އަހަރެން މިވަގުތު ބޭނުމީ ފަސް ވަރަކަށް ބޯރޮށި. ނޫނީ ދެވެން ހުރި އެހެން ކާއެއްޗެއް ވިޔަސް އެންމެ ރަނގަޅު.⁠“
4 އަޚީމަލިކު ބުންޏެވެ. ”⁠އަހަރެންގެ އަތަކު އާދައިގެ ރޮއްޓެއް ނެތް. ހުރީ ކަލާނގެ ނަންފުޅު މައްޗަށް ވެދުން ކުރެވިފައި ހުރި އެއްޗެހި. ކަލޭމެން އަނބިން ގާތު ރޭ ނުކޮށް ސާފުކަން މަތީ ތިބިނަމަ ގެންދޭ.⁠“
5 ”⁠އަހަރެމެން މިތިބީ މި ދެތިން ދުވަހު އަންހެނުންނާ ދުރުގައި. އަދި ކީއް؟ އަހަރެމެން އާދައިގެ ކަމަކު ނުކުތަސް އަހަރެމެން ނުކުންނާނީ ސާފުކަން މަތީ ތިބެގެން. އަމުދުން މާތް ކަމަކު ނުކުންނަ އިރު އަހަރެމެންގެ ހަށިތައް ކިހާ ތާހިރެއް ވާނެ.⁠“ 6 އެތާނގައި މާތްރަސްކަލާނގެ ނަންފުޅުމަތީ ބަހައްޓާފައި ހުރި ބޯރޮށިތައް ނޫން އެހެން ކާއެއްޗެއް ނެތުމާ އެކު، އިމާމުކަލޭގެ ހޫނު ރޮށިތައް އެތާ ބެހެއްޓުމަށް ފަހު އެތަނުން ޙަޟްރަތަށް ހުށަހަޅާ ބޯރޮށިތަކެއް ނަގައި ދާއޫދަށް ދީފި އެވެ.*
7 އެދުވަހު އެތަނަށް އަޅުކަން ކުރަން ގޮސް ހުރި ދުވާޣު ކިޔާ އަދޫމީންގެ† މީހަކު ހުއްޓެވެ. މީނާއަކީ ރަސްގެފާނުގެ ބަކަރިތައް ބެލެހެއްޓުމާ ހަވާލުވެ ހުންނަ ވަރަށް އަރިސް މީހެކެވެ.
8 ދާއޫދު އަޚީމާލިކު ކުރެން އެއްސެވެ. ”⁠ކަލޭގެ އަތުގައި ކަނޑިއެއް ލޮންސިއެއް އެއްޗެއް އެބަ އޮތް ތަ؟ ރަސްގެފާނު ހަވާލު ކުރެއްވި ކަންތައް އަވަސް ބޮޑުކަމުން އަހަރެން މިއައީ އެއިން އެއްޗެއް ވެސް ނުލައި.⁠“
9 އަޚީމަލިކުގެ ބުންޏެވެ. ”⁠ކަލޭ އީލާ ވާދީގައި މަރާލި ފިލިސްޠީނު ކަލޭގެ ޖުލިޔާތު ގެންގުޅުނު ކަނޑި އެތާ އަފޫދު ޖުއްބާގެ ފުރަގަހުގައި ފޮތިގަނޑަކަށް ލާ އޮޅާލާފައި އޮންނާނެ. އެނޫން ކަނޑިއެއް އެއްޗެއް ނެތް.⁠“
”⁠ތިޔަށް ވުރެ މޮޅު ކޮން ކަނޑިއެއް ތަ އޮންނާނީ؟⁠“ ދާއޫދު ބުންޏެވެ. ”⁠ތިޔަ ކަނޑި ގެނޭ.⁠“
ދާއޫދުގެފާނު ފިއްލަވަން ޖައްތަށް ވަޑައިގަތުން
10 ޝާއުލްގެފާނު ދެކެ ބިރުން ދާއޫދު ފިލަން ދިޔައީ ޖައްތުގެ ރަސްގެފާނު އަޚީޝްގެ ގާތަށެވެ.‡ 11 އޭނާ ދިއުމުން އަރިހުބޭކަލުން ބުނެއްޕެވެ. ”⁠މިއެއް ނޫންތަ އިސްރާއީލުގެ ބިމުގެ ރަސްގެފާނަކީ؟ މީނާ އަކަށް ނޫންތަ އިސްރާއީލީންގެ އަންހެނުން ލަވަ ހަދައިގެން ކިޔައި ނަށަމުން ގެންދިޔައީކީ؟ އެމީހުން ކިޔެއް ނޫންތަ؟
’⁠ޝާއުލް މެރީ ހާސް މީހުންނޭ
ދާއޫދު މެރީ ދިހަހާސް މީހުންނޭ.⁠‘⁠“
12 މިމީހުން މިހެން ކިޔަން ފެށީމާ ރަސްގެފާނު ދެކެ ދާއޫދު ވަރަށް ބިރުގެންފިއެވެ. 13 އެހެންވެ އޭނާ މޮޔައަކަށް ހެދިގެންފިއެވެ. އޭނާ މޮޔައެއް ހެން ދޮރާށީގައި ވަކި އަޅައި ތުނބުޅިއަށް ސޮނިބާލަން ފަށައިފިއެވެ.
14 ރަސްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެންނަކަށް ނުފެނޭތަ ތިޔައީ މޮޔަވެފައި ހުރި މީހެއް ކަމެއް؟ ކަލޭމެން އޭނާ މިތަނަށް ގެނައީ ކީއްކުރަން؟ 15 މިތަނުގައި މި އުޅެނީ މޮޔައިން މަދުވެގެން ތަ؟ ތިއީ މިތަނަށް ގެންނަން އެކަށީގެންވާ ވަރުގެ މީހެއްތަ؟ އަވަހަށް ތި ކަލޭގެ މިތަނުން ނެރޭ!⁠“
* 21:6 އެދުވަސްވަރު އިމާމުން މާތްރަސްކަލާނގެ ކިބަފުޅަށް ވެދުން ދަންނަވަން ޚާއްސަކުރެވިފައި ހުންނަ ފޭލިގެއެއް ހުރެއެވެ. އެމީހުން އެތާގައި ހުންނަ މޭޒެއްގެ މައްޗަށް ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ބޯ ރޮއްޓެއް ގެންގޮސް ހަފްތާއަކު އެއްފަހަރު ބަދަލު ކޮށް ހަދައެވެ. މި ރޮށިތައް ކެއުމުގެ ހުއްދަ އޮންނަނީ އިމާމުންނަށް އެކަންޏެވެ. † 21:7 އަދޫމީންނަކީ އިސްރާއީލީންގެ އެންމެ ބޮޑު ދުޝްމިނުންގެ ތެރޭ ހިމެނޭ ބައެކެވެ. ‡ 21:10 މިއީ އިސްރާއީލުންގެ އަދާވާތްތެރި ފިލިސްޠީނުންގެ އަވަށެއްގެ ރަސްކަލެކެވެ.