2
އަޅުކަމުގެ އިރުޝާދު
1 ފުރަތަމައިނުންވެސް އަހަރެން ތިޔަބައިމީހުންނަށް ބާރުއަޅަނީ އެ އެންމެންނަށްޓަކައި ދުޢާ ދަންނަވައި އެކަމަށް އެދި އެމީހުންނަށްޓަކައި އާދޭސްދެންނެވުމުގައި މެދުވެރިވެދީ އެކަލާނގެއަށް ޝުކުރު ދަންނަވައި ދިނުމެވެ.
2 މިގޮތުގެ މަތިން ރަސްރަސްކަލުންގެ މައްޗަށާއި އެކިކަންކަމުގައި ތިބި އެންމެހާ ވެރިންގެ މައްޗަށް ދުޢާ ކުރާށެވެ. އޭރުން އަހަރެމެންނަށް ސުލްޙަވެރިކަމާއި މަޑުމައިތިރި ކަމުގެ އިތުރުން ޤަދަރުވެރި ގޮތުގައި މާތްރަސްކަލާނގެ މަގުގައި ޙަޔާތް ވޭތު ކުރެވޭނެއެވެ.
3 މިގޮތުގެ މަތިން ދެންނެވުމުން އަހަރެމެން ދިންނަވާ ފަރާތްކަމުގައިވާ މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިދޭނެއެވެ.
4 އެކަލާނގެ އެންމެހާ އިންސީން ދިންނެވުމަށް އެދި ވޮޑިގެންވެއެވެ. އަދި އަލްމަސީޙާ ބެހޭ ތެދު ޙަޤީޤަތް އެންމެނަށްވެސް އެނގިފާޅުވުމެވެ.
5 އެހެނީ ހަމައެކަނި ވޮޑިގެންވާ ފަރާތަކީ އެކަލާނގެއެވެ. އަދި މާތްރަސްކަލާނގެ އާއި އެކަލާނގެ އިންސާނުންނާއި ދެމެދު ސުލްޙަ ކުރެއްވުމުގެ ބާރު ލިބިގެންވަނީ އިންސާނުންގެ ތެރެއިން ހަމައެކަނި އެންމެ މެދުވެރި އަކަށެވެ. އެއީ ހަމައެކަނި އީސާ އަލްމަސީޙުއެވެ.
6 އެކަލޭގެފާނުގެ ޤުރުބާނީން އެންމެހާ އިންސާނުންގެ ފާފައިގެ ބަދަލު ދެއްވާ ސަލާމަތް ކޮށް، އެކަން ސާބިތު ކޮށްދެއްވީ އެކަމަށްޓަކައި އެންމެ އެކަށީގެންވީ ވަގުތުގައެވެ.
7 އެކަލޭގެފާނުގެ މަންދޫބެއްގެ އިތުރުން ދަރުސް ދޭމީހުންގެ ގޮތުގައި އަހަރެން ހޮއްވެވީ ބަނީއިސްރާއީލު ދަރިކޮޅުގެ މީހުންނޫން އެހެން މީހުންނަށް އެކަލޭގެފާނާއި ބެހޭ ގޮތުން ވީ މި އުފާވެރި ޚަބަރު ތެދުވެރިކަމާއި އީމާންތެރިކަމާއެކު އަންގައިދީ ހެދުމަށެވެ. މިއީ ތިބާ ކައިރީގައި އަހަރެން ބުނާ ތެދު ބުނުމެކެވެ. ދޮގު ވާހަކަތަކެއް ނޫނެވެ.
8 އެހެންވީމާ، އަހަރެން އެދެނީ އެންމެހާ ފިރިހެނުން ދުޢާ ކުރާ ހިނދު މަޑުމައިތިރިވެ އަތްތައް މައްޗަށް އުފުލައިގެން ރުޅިވެރިކަމާއި އަރާރުން އެއްކިބާވެތިބެ، މާތްރަސްކަލާނގެއަށް ދުޢާ ދެންނެވުމަށެވެ.
9 އަދި އަންހެންތަކުން ބޮޑާކަމެއް ނެތި އެކަށީގެންވާ ރަނގަޅު ހެދުމެއްގައި ތިބޭށެވެ. އެބައިމީހުންގެ މައްޗަށް ކަޅިއަޅާފަދަ އަގުބޮޑެތި ހެދުންތަކާއި ރަނާއި މުތުގެ ހާރުތައް އެޅުމުގެ އިތުރުން އިސްތަށިގަނޑަށް ބަދަލުތައް ގެނައުމުން އެކަހެރިވެ ތިބޭށެވެ.
10 މާތްރަސްކަލާނގެ އަށް އެދި ދުޢާ ދަންނަވާ ކަމުގައި ބުނާ އަންހެނުންގެ ރީތިކަންވަނީ އެކަނބަލުންގެ ހެޔޮ އަމަލުތަކުގައެވެ.
11 އެކަނބަލުން އަޑުއަހައި ދަސްކުރަންވީ މަޑުމައިތިރި ވުމަށާއި އަމިއްލަ އެދުންތަކުން އެއްކިބާވެ ތިބުމަށެވެ.
12 އަދި ފިރިހެނުންގެ މައްޗަށް އަންގައިދީ ބާރު ފޯރުވުމަށް އެކަނބަލުންނަށް އަހަރެން ހުއްދައެއް ނުކުރާނަމެވެ. އެކަނބަލުން ތިބެންޖެހޭނީ ހީމާންކަމާއެކު އަޑުއެހުމަށެވެ.
13-14 ސަބަބަކީ ޙައްވާގެފާނު އުފެއްދެވީ އާދަމްގެފާނަށް ވުރެން ފަހުން ކަމަށް ވެފައި ޝައިތާނާގެ މަކަރު ދަށުވެ މާތްރަސްކަލާނގެއަށް އުރެދުނީ އާދަމްގެފާނެއް ނޫނެވެ. އަންހެނާ އަށެވެ. މިކަމުގެ ނަތީޖާއަށް ފާފަވެރިކަންވެގެން ދިޔައެވެ.
15 އެކަމަކު އެކަނބަލުން ދަރިމައިވުމުން ފާފައިން ސަލާމަތް ކޮށްދެއްވައެވެ. އެހެނަސް އެއީ އީމާންތެރިކަމާއި ލޯތްބާއި ސާލިޙުކަމާއެކު ބޮޑާކަމެއް ނެތި ދުނިޔެ ވޭތުކުރާނަމައެވެ.