2
ޒުވާނުންނާއި މުސްކުޅިންގެ ވާޖިބު
ތީތުސްއެވެ. ތިބާ އުނގަންނައި ދޭންވާނީ ހަމައެކަނި ހަރުދަނާ ޢަގީދާ ކަމުގައި ވާންޖެހޭނެއެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވައި ހެޔޮވިސްނައި، އިއްޒަތާއި ޤަދަރު ލިބިތިބެ، އުމުރުން ދުވަސްވީ މީހުންނަށް އެކަންތައް ދަސްކޮށްދީ ބުނެދޭށެވެ. އެއީ އެމީހުންނަށް އީމާންތެރިކަމާއި ލޯތްބާއި ކެތްތެރިކަމާއެކު އުޅެމުން ދެވޭނެ ގޮތްވުމަށެވެ.
ހަމަ މިފަދައިން މާތްކަލާނގެ ދެކެ އެކަށީގެންވާފަދަ ގޮތަކަށް ޚިދުމަތްކުރާ މީހެއް ފަދައިން ދިރިއުޅުން ވޭތުކުރުމަށް އުމުރުން ދުވަސްވީ އަންހެނުންނަށް ބުނެދޭށެވެ. އެމީހުން ނެތިމޮށުމާއި މަސްތުވުމުގެ އަޅުންނަށް ވެގެން ނުވާނެއެވެ. އޭގެބަދަލުގައި އަނެކުންނަށް ރަނގަޅުގޮތް ދައްކައިދޭ ބަޔަކަށް މިފަދަ އަންހެނުން ވުމަށް ބުނެދޭށެވެ. މިފަދަ ދުވަސްވީ އަންހެނުން، ޒުވާން އަންހެން ކުދިން ތަރުބިއްޔަތު ކުރުމުގައި އެމީހުންގެ ފިރިންނަށާއި ދަރިންނަށް ލޯބި ދިނުމަށް އަންގައިދޭން ވާނެއެވެ. ޒުވާން ކޮންމެ އަންހެން ކުއްޖަކީ ހެޔޮ ވިސްނޭ ހިތުގެ ޚާލިސް ކަމުގެ އިތުރުން ގެވެހި އަދި ފިރިމީހާއަށް އިސްކަންދޭ އޯގާތެރި އަނތްބަކު ކަމުގައި ވުމަށް ބުނެދޭން ވާނެއެވެ. މިހެން ވެއްޖެނަމަ މާތްރަސްކަލާނގެ ބަސްފުޅާއިމެދު އެއްވެސް މީހަކަށް މަލާމާތް ރައްދު ކުރެވޭކަށް ނޯންނާނެއެވެ.
އެގޮތުން އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވުމަށް ފިރިހެން ޒުވާނުނަށް ހިތްވަރު ދޭށެވެ. ތިބާ އަބަދުވެސް މީހުންނަށް މިސާލެއް ކަމުގައި ވާށެވެ. އަދި ތިބާގެ އަމިއްލަ ނަފްސު ވާންޖެހޭނީ ހެޔޮ އަމަލުތައް ކުރުމުގައެވެ. ތިބާ އުނގަންނައި ދިނުމުގައި އިޚުލާސްތެރިވެ ކަމަށް ކަމޭހިތަންވާނެއެވެ. ފާޑު ނުކިޔޭނޭ ގޮތަށް ހަރުދަނާ ބަސްތަކުން އުނގަންނައިދޭށެވެ. އެހެން ވެއްޖެނަމަ ތިބާ އާއި ދެބަސްވާނެ ފަރާތްތައް ލަދުވެތިވާނެއެވެ. ސަބަބަކީ އަހަރެމެންނާއި މެދު ކުޑައިމީސް ބަހެއް ބުނުމުގެ ޖާގަ އެމީހުންނަށް ލިބިގެން ނުވާނެތީއެވެ.
އަޅު ނޯކަރުން އެބައިމީހުންގެ ސާހިބު މީހާއަށް ކިޔަމަންތެރިކަން އަދާ ކުރުމާއެކު، ސާހިބު މީހާ އެދޭ ހުރިހާ ގޮތަކަށް މަސައްކަތް ކުރުމަށް އަންގާދޭށެވެ. އަދި މިފަދަ އަޅު ނޯކަރުން އެބައިމީހުންގެ ސާހިބުމީހާއާ އަރާރުން ނުވުމަށް ބުނާށެވެ. 10 އަދި ސާހިބުންނަށް މަކަރު ނުހަދާށެވެ. އެމީހުން ވާންޖެހޭނީ ތެދުވެރިކަމާ އިތުބާރާއިއެކު ފުރިހަމައަށް މަސައްކަތްކުރާ ބަޔަކަށެވެ. މިހެން ވެއްޖެނަމަ މާތްރަސްކަލާނގެ އަދި އަހަރެމެން ދިންނަވާ ފަރާތުގެ އުނގަންނައި ދިނުންތަކަށް އެންމެންގެ ފަރާތުން މަތިވެރި ގަދަރެއް ލިބޭނެއެވެ.
11 ދިންނެވުން ދެއްވާ މާތްކަލާނގެ ނިޢުމަތްފުޅު އެއެންމެންނަށް ފާޅުވެއްޖެއެވެ. 12 އެކަލާނގެ އަހަރެމެންނަށް އިރުޝާދު ދެއްވީ ނުބައިނުލަފާ ގޮތްތަކާއި މާއްދީ އެދުންތަކުން ދުރުވެގެން ވުމަށެވެ. އަދި ތެދުވެރިވެ މާތްރަސްކަލާނގެއަށް ބިރުވެތިވެތިބެ އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވުމާއެކު މިދުނިޔޭގައި ޙަޔާތު ވޭތުކުރުމަށެވެ. 13 އަހަރެމެން މިވަނީ އުންމީދުން ފުރިފައެވެ. އަހަރެމެން މިތިބީ މަތިވެރިކަލާނގެ އަދި އަހަރެމެން ދިންނަވާ ފަރާތް އީސާ އަލްމަސީޙު އެކަލާނގެ މަތިވެރި ނޫރުފުޅާއެކު ވަޑައިގަންނަވާނެ ވަގުތެއްގެ އިންތިޒާރުގައެވެ. 14 އަހަރެމެން ހުރިހާ ބާވަތެއްގެ ފާފަތަކަކުން ސަލާމަތް ކުރެއްވުމަށްޓަކައި އަދި އަހަރެމެން ތޯހިރު ގޮތުގައި ލެހެއްޓެވުމަށް އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ވަނީ ދެއްވަވާފައެވެ. އެކަލާނގެ އެދިވޮޑިގެންވަނީ އަހަރެމެން އެކަލާނގެ އަމިއްލަ މީހުންގެ ގޮތުގައިވެ، ހެޔޮ ކަންތައް ކުރުމުގައި ޝައުގުވެރި ވުމަށެވެ. 15 ތިބާގެ ފުރިހަމަ އިޚުތިޔާރާއި ބާރުގެ ބޭނުން ކޮށްގެން މިކަންތައް އުނގަންނައިދީ، މީހުން އިސްލާޙުކޮށް ހިތްވަރު ދޭށެވެ. ކޮންމެ މީހެއްގެ އިޙުތިރާމާއި ޤަދަރު ތިބާއަށް ލިބިދޭނެ ކަމުގައި ޔަޤީން ކުރަމެވެ.