4
ޕަތަރަސްއާއި ޔޫޙަންނާ ބަނީއިސްރާއީލުގެ ދީނީކޯޓުގައި
ޕަތަރަސްއާއި ޔޫޙަންނާ މީސްތަކުންނާއި ވާހަކަ ދައްކަމުން ގެންދަނިކޮށް، ބަނީއިސްރާއީލުގެ އިމާމުންގެ ބަޔަކާއި ބައިތުލް މަޤްދިސް ބެލެހެއްޓުމަށް ތިބޭ ސިފައިންގެ ވެރިމީހާ އާއި ބައެއް ސާދުސީން އެމީހުންގެ ކައިރިއަށް އެތަނަށް އައެވެ.* މިމީހުން އީސާގެފާނުގެ މަންދޫބުންގެ ބަސްތަކުގެ އަޑުއަހާ ވަރަށް ބޮޑަށް ރުޅިއައެވެ. އެއީ އެކަލޭގެފާނުގެ މަންދޫބުން މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގައިދީ މަރުވުމަށް ފަހު ވެސް އީސާގެފާނުގެ މަތިވެރި ބާރުފުޅުން މީސްތަކުން އަލުން ދިރޭނެ ކަމުގައި މި މަންދޫބުން ބުނަމުން ގެންދާތީއެވެ. އެހެންކަމުން ޕަތަރަސްއާއި ޔޫޙަންނާ ހައްޔަރުކޮށް ޖަލަށްލުމަށް މިމީހުން އަމުރުކުރިއެވެ. އަދި އޭރު ވަނީ އިރުއޮއްސެން ކައިރިވެފައި ކަމުން އަނެއްދުވަހުގެ އިރުއަރަންދެން މި މަންދޫބުން ޖަލުގައި ބައިތިއްބުމަށް ވެސް އެމީހުން އެންގިއެވެ. ނަމަވެސް ޕަތަރަސްއާއި ޔޫޙަންނާ ދެއްކި މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއެހި އެތައް ބަޔަކު، އެބަސްފުޅުތައް ގަބޫލުކޮށް އީމާންވިއެވެ. އެހެން ކަމުން އީމާންވީ މީހުންގެ އަދަދު ގާތްގަނޑަކަށް ފަސްހާހަށް ވުރެވެސް މައްޗަށް އެރިއެވެ.
އަނެއް ދުވަހު ބަނީއިސްރާއީލުގެ ވެރިންނާއި ބޮޑުންނާއި ދީނުގެ ދަންނަބޭކަލުންނާއި ޖެރޫސަލަމުގައި އެއްވިއެވެ. އުއްތަމަ އިމާމު ހަންނާނު އާއި ކައިފާސް އާ ޔޫޙަންނާ އާއި އިސްކަންދަރާއި އަދި މިނޫނަސް އުއްތަމަ އިމާމުގެ އާއިލާގައި ހިމެނޭ އެހެން ވެސް ބައެއް ފިރިހެނުން އެތަނުގައި ވިއެވެ. ޕަތަރަސްއާއި ޔޫޙަންނާ މި އެންމެންގެ ކުރިމައްޗަށް ގެނެސް އެމީހުންނާއި ސުވާލު ކުރެވުނެވެ. ”ކަލޭމެން ތިޔަ ކުރި ކަންތައްތައް ތިޔަ ކުރަނީ ކޮންފަރާތަކުން ލިބުނު ބާރަކާއި ހުއްދައަކަށް ތަ؟“
އެވަގުތު ޕަތަރަސްގެ މައްޗަށް މާތްރޫޙުފުޅު ވެރިވިއެވެ. އަދި އެވަގުތު އޭނާ ވާހަކަ ދައްކަން ފެށިއެވެ. ”އިއްޒަތްތެރި ޤައުމުގެ ވެރިންނާއި ބޮޑުންނޭ. އަޅުގަނޑުމެންނާއި މިއަދު ސުވާލު ތިޔަ ކުރެވެނީ ވާވެފައިވާ ނުހިނގޭ މީހަކަށް ކޮށްދެވުނު ހެޔޮކަމަކާއި ބެހޭ ގޮތުން ތޯ؟ އަޅުގަނޑުމެން ކުރެން ތި ސުވާލު ކުރެވެނީ އޭނާ ރަނގަޅު ކުރީ ކާކުކަމާއި ބެހޭ ގޮތުން ތޯ؟ 10 ވީއިރު އަހާ. އަޅުގަނޑުމެން ބަނީއިސްރާއީލުގެ އެންމެންނަށް ހާމަކޮށް އަންގަން. އޭނާ ރަނގަޅުވީ ނާޒަރަތުގެ ރަށްވެއްސެއް ކަމުގައި ވީ އީސާ އަލްމަސީޙުގެ ބާރުފުޅުން. ކަލޭމެން އެކަލޭގެފާނު ސަލީބަކަށް ނަގާ މަރާލި. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު އަލުން ދިރުއްވި. މި ވާވެފައިވީ ނުހިނގޭ މީހާ މުޅިން ރަނގަޅުވެ މިއަދު ތިޔަ އެންމެ ހާ މީސްތަކުންގެ ކުރިމަތީ ކޮޅަށް މިހިރީ އީސާގެފާނުގެ ބާރުފުޅުން. 11 އެއީ މާތްރަސްކަލާނގެ ބަސްފުޅުގައި މި ފަދައިން މުޚާޠަބުކޮށް ލިޔެވިގެންވާ ބޭކަލަކީ އެކަލޭގެފާނޭ ލިޔެވިގެން ވާތީ:
’ރާނާ މީހުން ބޭނުމެއް ނެތް ގަލެއް ކަމަށް ދެކެ އެއްލާލި ގާ އެއީ ބިންގަލުގެ އެންމެ މުހިންމު ގާ ކަމުގައި ވެއްޖެއޭ.‘
12 މީސްތަކުންނަށް ދިންނެވުން ލިބޭނެ ހަމައެކަނި މަގަކީ އީސާގެފާނު. މީސްތަކުން ސަލާމަތް ކަމަށް އެދި ދެންނެވޭނެ ހަމަ އެކަނި ނަންފުޅަކީ އީސާގެފާނުގެ ނަންފުޅު.“
13 ޕަތަރަސްއާއި ޔޫޙަންނާ ބިރެއް ނެތި ކެރިގެން ތިބެ މި ދެއްކި ވާހަކަތައް އަހާ ބަނީއިސްރާއީލުގެ ވެރިންނާއި އެންމެ ހާ ބޮޑުން ވަރަށް ހައިރާންވިއެވެ. އެއީ ޕަތަރަސްއާއި ޔޫޙަންނާ އަކީ އާދައިގެ ތައުލީމެއް ނެތް ބައެއްކަން އެމީހުންނަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް މި ދެމީހުންނަކީ އީސާގެފާނާއި އެކު އުޅުނު ދެމީހުން ކަން ވެސް އެމީހުންނަށް ފާހަގަ ކުރެވުނެވެ. 14 އެކަމަކު މި ވެދިޔަ ކަންތައްތަކަކީ ދޮގެއް ކަމަކަށް ވެސް އެމީހުންނަކަށް ބުނެވޭކަށް ނެތެވެ. އެއީ އެ ވާވެފައި ވީ މީހާ މުޅިން ރަނގަޅު ވެ އެހެރީ އެމީހުންގެ ކުރިމަތީ ކޮޅަށެވެ. 15 އެހެން ކަމުން މިމީހުން ޕަތަރަސްއާއި ޔޫޙަންނާ ކޯޓުން ބޭރަށް ފޮނުވާލާ އެމީހުންގެ މެދުގައި މަޝްވަރާ ކުރިއެވެ.
16 އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”އަހަރެމެން މި ދެ މީހުންނާ ދޭތެރޭ ކަން ކުރާނީ ފަހެ ކިހިނެއް ތަ؟ މުޅި ޖެރޫސަލަމުގެ އެންމެންނަށް ވެސް އެމީހުން އެދެއްކީ އަޖައިބު ވާ ފަދަ މުޢުޖިޒާތެއް ކަން ޔަޤީންވެ. އަހަރެމެންނަށް ވެސް އެކަން އެގޮތަށް ނުވެއެކޭ ބުނެވޭކަށް ނެތް. 17 ނަމަވެސް މި ކަން އިތުރަށް ފެތުރިގެން ދިޔަ ނުދިނުމަށްޓަކައި އެމީހުންނަށް ދެން ދުވަހަކު ވެސް އީސާގެފާނުގެ ނަން ގަނެ އެއްވެސް ވާހަކައެއް މީސްތަކުން ގާތު ނުދެއްކުމަށް އިންޒާރު ކުރަމާ ހިނގާ.“ 18 ދެން މިމީހުން ޕަތަރަސްއާއި ޔޫޙަންނާ އަނބުރާ އެތަނަށް ގެނެސް އެމީހުންނަށް އެންގީ ދެން ދުވަހަކު ވެސް އެމީހުން އީސާގެފާނުގެ ވާހަކަ އެއްވެސް މީހަކު ގާތު ނުދެއްކުމަށާއި އަދި އީސާގެފާނާއި ބޭހޭ އެއްވެސް ކަމެއް މީސްތަކުންނަށް ދަސްކޮށް ނުދިނުމަށެވެ.
19 އެކަމަކު ޕަތަރަސްއާއި ޔޫޙަންނާ އެމީހުންނަށް ދެންނެވިއެވެ. ”ތިޔަބޭފުޅުން ވިދާޅުވެ ބައްލަވާ. އަޅުގަނޑުމެން ކިޔަމަން ވާންވީ ތިޔަބޭފުޅުންނަށް ތޯ ނުވަތަ މާތްރަސްކަލާނގެ ރަސްކަންފުޅަށް ތޯ؟ 20 އަޅުގަނޑުމެންގެ ލޮލުންދެކި ކަންފަތުން އެހި މަތިވެރި ކަންތައްތަކުގެ ވާހަކަ ނުދައްކާ އަޅުގަނޑުމެން ތިބޭނީ ކިހިނަކުން ތޯ؟“
21‏-22 މި ދީނީކޯޓުގެ ވެރިން ޕަތަރަސްއާއި ޔޫޙަންނާ އަށް އިތުރަށް ވެސް ބިރުދައްކާ އިންޒާރުތައް ކުރިއެވެ. ނަމަވެސް އެންމެ ފަހުން އެމީހުންނަށް ޖެހުނީ ޕަތަރަސްއާއި ޔޫޙަންނާ ދޫކޮށްލާށެވެ. އެއީ އެމީހުންނަށް އަދަބު ދީފިނަމަ މީސްތަކުންގެ ތެރޭގައި ބަޣާވަތެއް އުފެދޭނެ ކަން އެމީހުންނަށް ޔަޤީނެވެ. އެއީ ސާޅީސް އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު ނުހިނގި ވާވެފައިވީ މީހާ ރަނގަޅު ވުމުގެ ސަބަބުން މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިޔަމުން ދިޔައެވެ.
އީމާންވެތިބި މީސްތަކުން ކުރި ދުޢާ
23 ޕަތަރަސްއާއި ޔޫޙަންނާ ދޫކޮށްލުމުން އެމީހުން ދިޔައީ އީސާގެފާނުގެ މައްޗަށް އީމާންވެގެން ތިބި މީހުންނާއި ބައްދަލު ކުރުމަށެވެ. ޕަތަރަސްއާ ޔޫޙަންނާ އެމީހުންނަށް ބަނީއިސްރާއީލުގެ ބޮޑު އިމާމުންނާއި ބޮޑުން ބުނި ހުރިހާ އެއްޗަކާއި ކަން ކުރި ގޮތް ކިޔާދިނެވެ. 24 އެ ވާހަކަތައް އަޑުއަހާފައި އީސާގެފާނުގެ މައްޗަށް އީމާންވެގެން ތިބި އެންމެން އެއްފަހަރާ އެއްއަޑުން ދުޢާ ކުރިއެވެ. ”މާތްރަސްކަލާކޯ! އިނބަރަސްކަލާނގެއީ އުޑާއި ބިމާއި ކަނޑާއި އަދި އެތަންތަނުގައިވާ ހުރިހާ އެއްޗެއް ހެއްދެވި ކަލާނގެ. 25 އިނބަރަސްކަލާނގެ މާތްރޫޙުފުޅު މެދުވެރިކުރައްވާ އަޅަމެންގެ ކާބަފައިކަލުން އަދި އިނބަރަސްކަލާނގެ ޚާދިމު ދާއޫދުގެފާނަށް މި ފަދައިން ވިދާޅުވުމަށް އިނބަރަސްކަލާނގެ އެންގެވި.
’ދުނިޔޭގެ އެކިއެކި ޤައުމުތައް އިދިކޮޅު ވެ ރުޅިވެރި ވަނީ ކީއްވެހޭ؟ މީސްތަކުން ބޭނުންނެއް ކަންތައްތައް ރާވަނީ ކީއްވެހޭ؟ 26 ދުނިޔޭގެ ރަސްރަސްކަލުން ހަނގުރާމަތަކަށް ތައްޔާރުވެއޭ. އަދި ދުނިޔޭގެ ވެރިން އެކުވެ މަތިވެރި ސާހިބާ އާއި އެކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި އަލްމަސީޙުއާއި ދެކޮޅަށް ކަންތައްތައް ރާވައޭ.‘
27 އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެންގެވި މި ބަސްފުޅުތަކާއި އެއްފަދައިން މިތާ ޖެރޫސަލަމުގައި ވެސް ކަންތައްތައް ވެއްޖެ. އެއީ ހެރޮދު ރަސްގެފާނާއި ގަވަރުނަރު ޕޮންތިޔުސް ޕިލާތުސް އާއި އީމާން ނުވާ މީހުންނާއި ބަނީއިސްރާއީލު މީހުންނާއި އެކުވެ، މާތްރަސްކަލާނގެ ޚާއްސަ ކުރެއްވި އަލްމަސީޙު، އިނބަރަސްކަލާނގެ މާތް ޚާދިމު، އީސާގެފާނާއި ދެކޮޅު ހެދި. 28 މިމީހުން އެކުރި އެހުރިހާ ކަމަކީ އިނބަރަސްކަލާނގެ މަތިވެރި ބާރުފުޅާއި އިރާދަފުޅުގައި ހިންމެވުމަށް ހަމަޖެހިފައިވީ ކަންތައްތައް. 29 މާތްރަސްކަލާކޯ! އެމީހުން އެކުރާ އިންޒާރުތަކުގެ އަޑު އައްސަވާ ވޮޑިގަންނަވާ. އިނބަރަސްކަލާނގެ ޚާދިމުން ކަމުގައިވާ އަޅަމެންނަށް ބިރެއް ނެތި އިނބަރަސްކަލާނގެ ބަސްފުޅުތައް އަންގައިދިނުމަށް ބާރުދެއްވާފާނދޭ. 30 އަދި މީސްތަކުންގެ ބަލިތަކަށް ޝިފާ ދެއްވާ މުޢުޖިޒާތްތައް ދައްކަވާ އިނބަރަސްކަލާނގެ މާތް ޚާދިމު އީސާގެފާނު މެދުވެރިކުރައްވާ އިނބަރަސްކަލާނގެ މަތިވެރި ބާރުފުޅު މީސްތަކުންނަށް ދައްކަވާފާނދޭ.“
31 އެމީހުން ދުޢާ ކޮށް ނިމުނުވަގުތު ދުޢާ ކުރުމަށް އެމީހުން އެއްވެތިބި ތަން ގުޑައިގެން ދިޔައެވެ. އަދި އެމީހުންގެ މައްޗަށް މާތްރޫޙުފުޅުގެ ބާރުފުޅު ވެރިވިއެވެ. އެއަށް ފަހު ބިރެއް ނެތި އެމީހުން މާތްރަސްކަލާނގެ ބަސްފުޅުތައް މީސްތަކުންނަށް ހާމަކޮށް ކިޔާދެމުން ގެންދިޔައެވެ.
އީމާންވެތިބި މީސްތަކުންގެ އަތުގައި ވީ ހުރިހާ އެއްޗެއް އެކަކު އަނެކަކަށް ދިން
32 އީސާގެފާނަށް އީމާންވެގެންވީ އެންމެން އެއްބައިވަންތަވެ އެކަކު އަނެކަކާއި ދޭތެރޭ ވަރަށް ގާތްކަން ބާއްވާ އެކުވެރިކަން މަތީ އުޅުނެވެ. އަދި އެކަކުގެ މުދަލާއި ތަކެއްޗަކީ ވެސް އަނެކަކުގެ ވެސް އަމިއްލަ އެއްޗިހި ކަމަށް ދެކި ދީލަތިކަމާއި އެކު އެމީހުންގެ މެދުގައި އެ ތަކެތިން ހަމަހަމަ ގޮތުގައި ބޭނުންކޮށް އުޅުނެވެ. 33 ޔަޤީންކަމާއި ސާބިތުކަމާއި އެކު އީސާގެފާނުގެ މަންދޫބުން މީސްތަކުންނަށް އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރި ވަޑައިގެންނެވި ކަމުގައި އަންގައިދެމުން ގެންދިޔައެވެ. އަދި މާތްރަސްކަލާނގެ އީސާގެފާނަށް އީމާންވެގެން ތިބި ހުރިހާ އެންމެންނަށް ވަރަށް މަތިވެރި ނިޢުމަތްފުޅެއް ދެއްވިއެވެ. 34‏-35 އެމީހުންނަށް އެއްވެސް އެއްޗަކަށް ދައްޗެއް ނުވެއެވެ. އެއީ އެމީހުންގެ ތެރެއިން ބިމާއި ގޯތީގެ ދޮރު ހުރިމީހުން އެމީހުންގެ ބިން ނުވަތަ ގެ ވިއްކާލާ ލިބުނު ހުރިހާ ފައިސާ ގެނެސް އީސާގެފާނުގެ މަންދޫބުންގެ އަތަށް ދެއެވެ. އަދި މަންދޫބުން އެމީހުންގެ ތެރެއިން ބޭނުމަކު ޖެހިފައިވާ މީހުންނަށް އެފައިސާ ބަހާލައެވެ.
36‏-37 އީސާގެފާނަށް އީމާންވީ މީސްތަކުންގެ ތެރެއިން މި ފަދައިން ކަން ކުރި އެކަކީ ލާވީގެ ދަރިކޮޅުގެ ޔޫސުފުއެވެ. މި ޔޫސުފަކީ ސައިޕުރަސްގެ މީހެކެވެ. އޭނާގެ އަތުގައި ވީ ދަނޑުބިމެއް ވިއްކާލާ އެ ލާރި ގެނެސް އީސާގެފާނުގެ މަންދޫބުންނާއި އޭނާ ހަވާލު ކުރިއެވެ. މި ޔޫސުފުއަށް މަންދޫބުން ބަރުނައްބާސް އޭ ކިޔާ ނަންދިނެވެ. ބަރުނައްބާސްގެ މާނައަކީ އެހެން މީހުންނަށް ހިތްވަރު ދޭ މީހާ އެވެ.
* 4:1 4‏:1 ސާދުސީންނަކީ ވެސް ބަނީއިސްރާއީލުގެ މަޒުހަބެއްގެ ބަޔެކެވެ. މަރުވުމަށް ފަހު މީހުން ދިރޭނެ ކަމަކަށް ސާދުސީން ގަބޫލެއް ނުކުރެއެވެ.