5
އަނަނިއާހު އާއި ސަފީރާ
އީސާގެފާނަށް އީމާންވީ މީސްތަކުންގެ ތެރޭގައި އަނާނިޔާހު އޭ ކިޔުނު މީހަކާއި އޭނާގެ އަންހެނުން ސާފިރާ ވެސް ހިމެނުނެވެ. މި އަނާނިޔާހު އާއި އޭނާގެ އަންހެނުން ވެސް އެމީހުންގެ އަތުގައި ވާ ބިމެއް ވިއްކާލިއެވެ. މި ބިމަށް ލިބުނު ފައިސާގެ ތެރެއިން ބައެއް މީނާ އީސާގެފާނުގެ މަންދޫބުންނާއި ހަވާލު ކުރިއެވެ. އަދި އެއީ އޭނާގެ ބިން ވިއްކާލައިގެން ލިބުނު ހުރިހާ ލާރި ކަމުގައި ވެސް ބުންޏެވެ. އޭނާގެ އަންހެނުން ވެސް މި ދޮގު ހެދުމަށް އޭނާއާއި އެއްބަސްވިއެވެ.
ޕަތަރަސް ބުންޏެވެ. ”އަނާނިޔާހު އޭ، ކަލޭގެ ހިތަށް ޝައިތާނާ ވެރިވިޔަ ތިޔަ ދިނީ ކީއްވެ؟ ކަލޭގެ ބިން ވިއްކާލާ ލިބުނު ލާރިން ބައެއް ފޮރުވާ މާތްރޫޙުފުޅަށް ތިޔަ ދޮގުހެދީ ކީއްވެ؟ އެ ބިމަކީ ކަލޭގެ އަމިއްލަ ބިމެއް. ވީއިރު އެބިން ވިއްކާލުމާއި ނުލުން ވަނީ ކަލޭގެ އިޚުތިޔާރުގަ. އަދި އެބިން ވިއްކާލާއިގެން ލިބުނު ލާރިއަކީ ވެސް ކަލޭ ބޭނުންގޮތަކަށް އެއިން ކަން ކުރުމަށް ވާ ކަލޭގެ އަމިއްލަ ފައިސާ. ވީއިރު ކަލޭ ތިޔަ ގޮތަށް ސިއްރުން ކަން ކުރުމުގެ ބޭނުމަކީ ކޮބައި؟ ކަލޭ ތިޔަ ދޮގުހެދީ އަހަރެމެންނަކަށް ނޫން. ކަލޭ ތިޔަ ދޮގުހެދީ މާތްރަސްކަލާނގެ ކިބަފުޅަށް.“
އޭނާ މި ބަސްތަކުގެ އަޑު އިވުމުން ބިންމައްޗަށް ވެއްޓި ހަމައެވަގުތު މަރުވިއެވެ. މި ވީ ކަންތަކުގެ އަޑު އިވި މީސްތަކުންގެ މެދުގައި ބިރުވެތިކަން ފެތުރުނެވެ. އެތާނގައި ތިބި ޒުވާނުންގެ ބަޔަކު އޭނާ ކަފުން ކުރުމަށް ފަހު ގެންގޮސް ވަޅުލިއެވެ.
އޭގެ ތިން ގަޑިއިރު ފަހުން އޭނާގެ އަންހެނުން ސަފީރާ އެތަނަށް އައިސް ވަނެވެ. ނަމަވެސް އޭނާއަކަށް މި ވީ އެއްވެސް ކަމެއްގެ ޚަބަރެއް ނޭނގެއެވެ. ޕަތަރަސް އޭނާ ކުރެން ސުވާލު ކުރިއެވެ. ”ސަފީރާ އޭ، ކަލެއާއި ކަލޭގެ ފިރިމީހާ ބިން ވިއްކާލުމުން އެ ބިމުގެ އަގަކަށް ލިބުނު ފައިސާގެ އަދަދަކީ މިއީ ތަ؟“ ސަފީރާ ބުންޏެވެ. ”އާއެކޭ. އެ ބިމުގެ އަގަކަށް ލިބުނު ފައިސާގެ އަދަދަކީ ތިއީ.“
ޕަތަރަސް އޭނާއަށް ބުންޏެވެ. ”ކަލޭމެން ދެމީހުން އެއްބަސްވެ އަޅެ ތި ފަދައިން ކަން ތިޔަ ކުރީ ކީއްވެ؟ ކަލޭމެން ދެމީހުން އެއްބަސްވެ މަތިވެރި މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އަޖުމަ ބެލުމަށް ތިޔަ ފަދައިން ކަން ތިޔަ ކުރީ ކީއްވެ؟ ކަލޭގެ ފިރިމީހާ އަނާނިޔާހު ވަޅުލި މީހުން އެ ތިބަ އައިސް ވަންނަނީ. އެމީހުން ކަލޭ ވެސް ގެންދާނެ.“
10 ހަމައެވަގުތު ސަފީރާ މަރުވެގެން ވެއްޓުނެވެ. އަނާނިޔާހު ވަޅުލި މީހުން އައިސް ވަން އިރު ސަފީރާ މަރުވެގެން ވެއްޓިފާވާތަން ފެނި، އޭނާ ވެސް ނަގައިގެން ގެންގޮސް އޭނާގެ ފިރިމީހާ އަނާނިޔާހު އާއި ޖެހިގެން ވަޅުލިއެވެ. 11 އީސާގެފާނަށް އީމާންވެގެން ތިބި އެންމެންނާއި އަދި މި ވެދިޔަ ކަންތައްތަކުގެ އަޑު އެހި އެންމެން މި ކަންތަކުގެ ސަބަބުން ވަރަށް ބޮޑަށް ބިރުގަތެވެ.
އީސާގެފާނުގެ މަންދޫބުން އެތައްބަޔެއްގެ ބަލި ހެޔޮކުރުން
12 އީސާގެފާނުގެ މަންދޫބުން މީސްތަކުންގެ މެދުގައި އެތައް މުޢުޖިޒާތަކާއި ހައިރާން ކުރުވަނިވި ކަންތައްތަކެއް ކުރަމުން ދިޔައެވެ. އަދި މާތްސާހިބާ އީސާގެފާނަށް އީމާންވެގެންވީ މީސްތަކުން ކޮންމެ ދުވަހަކުމެ ބައިތުލް މަޤްދިސްގެ ހަރަމްފުޅުގައިވާ ސުލައިމާނުގެފާނުގެ ފެންޑާ އޭ ކިޔޭ ތަނަށް އެއްތައް ވެ ޖަމާވަމުން ގެންދިޔައެވެ. 13 އެންމެ ހާ މީސްތަކުންގެ ދުލުން އީސާގެފާނަށް އީމާންވެގެންވީ މީހުންނާއި މެދު ހެޔޮބަސްތައް ބުނެ، އަދި މީސްތަކުން އެމީހުންނަށް ކަމޭ ހިތި ނަމަވެސް އެމީހުންގެ ތެރޭ ނުހިމެނޭ އެކަކަށް ވެސް، އީސާގެފާނަށް އީމާންވެގެންވީ މީސްތަކުންގެ ޖަމާޢަތުގައި ބައިވެރިވުމަކަށް ނުކެރެއެވެ. 14 ކަންމިހެން ހުރި ނަމަވެސް އީސާގެފާނަށް އީމާންވަމުން ދިޔަ މީހުންގެ އަދަދު ގިނަވަމުން ދިޔައެވެ. މިގޮތުން އީމާންވަމުން ދިޔަ މީހުންގެ ފިރިހެނުންނާއި އަންހެނުންގެ ބޮޑުބައިގަނޑެއް ވިއެވެ. 15 އީސާގެފާނުގެ މަންދޫބުން މީސްތަކުންގެ ބަލިތައް ފަސޭހަ ކުރަމުން ދިޔުމުގެ ސަބަބުން މީސްތަކުން އެމީހުންގެ ތެރޭގައިވާ ބަލިމީހުން އެނދުއެނދަށާއި އަށިގަނޑުތަކަށް ލައިގެން ގެނެސް މަގުމަތީގައި ބައިތިއްބިއެވެ. އެއީ އީސާގެފާނުގެ މަންދޫބެއް ކަމުގައިވާ ޕަތަރަސް އެހެން ލައިގެން ދާއިރު، އެބަލި މީހުންގެ މައްޗަށް އޭނާގެ ހިޔަނި އެޅިއްޖެ ނަމަވެސް އެމީހުންގެ ބަލިތައް ފަސޭހަވާނެ ކަމުގެ އުންމީދުގައެވެ. 16 ޖެރޫސަލަމުގެ ވަށައިގެންވާ އެކި ރަށްތަކުން އެތައް ބައިވަރު ބަޔަކު ތަފާތު ބަލިތައް ޖެހިފައި ވާ މީހުންނާއި ނުބައި ރޫޙުތަކުގެ ބާރުގެދަށުވެ އުނދަގޫތައް ލިބެމުންދާ މީހުން ގެނައެވެ. އަދި މި އެންމެންނަށްމެ ޝިފާ ލިބި ރަނގަޅުވިއެވެ.
އީސާގެފާނުގެ މަންދޫބުންނަށް އަނިޔާލިބުނު
17 އުއްތަމަ އިމާމާއި އޭނާގެ ބައިގެ ސާދުސީން އީސާގެފާނުގެ މަންދޫބުންނާއި މެދު ވަރަށް ހަސަދަވެރިވިއެވެ. 18 މިމީހުން އީސާގެފާނުގެ މަންދޫބުން ހައްޔަރުކޮށް ޖަލަށް ލިއެވެ. 19 ނަމަވެސް އެރޭ މާތްރަސްކަލާނގެ ފޮނުއްވި މަލާއިކަތަކު ވަޑައިގެން ޖަލުގެ ދޮރު ހުޅުއްވާ އެ މަންދޫބުން ޖަލުން ބޭރަށް ނެރުއްވިއެވެ. އަދި އެމަލާއިކަތާ އެ މަންދޫބުންނަށް ވިދާޅުވިއެވެ. 20 ”ބައިތުލް މަޤްދިސްއަށް ގޮސް މީސްތަކުންނަށް މި އާ ޙަޔާތާ ބޭހޭ ޚަބަރު ދީ.“ 21 އީސާގެފާނުގެ މަންދޫބުން މި މަލާއިކަތާގެ ބަސްފުޅު އަހާ ކިޔަމަންވެ ފަތިހުގެ ވަގުތުގައި އިރުއެރުމުގެ ކުރިން ގޮސް ބައިތުލް މަޤްދިސްގައި މީސްތަކުންނަށް ކިޔަވާދިނުމަށް ފެށިއެވެ.
އުއްތަމަ އިމާމާއި އޭނާގެ ބައިގެމީހުން ބަނީއިސްރާއީލުގެ ދީނީކޯޓުގެ ހުރިހާ މެމްބަރުންނަށް އަންގާ އެމީހުން އެއް ކުރިއެވެ. އެ ކޯޓުގައި ބަނީއިސްރާއީލުގެ އެންމެ މުހިންމު ދީނުގެ ބޮޑުން ވެސް ހިމެނުނެވެ. ދެން އެމީހުން އީސާގެފާނުގެ މަންދޫބުން އެކޯޓަށް ގެނައުމަށްޓަކައި ބަޔަކު ޖަލަށް ފޮނުވިއެވެ. 22 ނަމަވެސް މަންދޫބުން އެތަނަށް ގެނައުމަށް ބަލާ ފޮނުވުނު ބައިތުލް މަޤްދިސްގެ ސިފައިންނަކަށް އެމީހުންނެއް ޖަލަކުން ނުފެނުނެވެ. އެހެން ކަމުން މި ސިފައިން އައިސް މި ފަދައިން ދެންނެވިއެވެ. 23 ”އަޅުގަނޑުމެން ދިޔައިރު ޖަލު ވަނީ ވަރަށް ރަނގަޅަށް ތަޅުލާފަ. އަދި އެތާގެ ގާޑުން ވެސް ދޮރުމަތީ ފޯރިއަށް ތިބި. ނަމަވެސް އަޅުގަނޑުމެން ވަދެ ބެލިއިރު ޖަލުތެރޭގައި އެކަކު ވެސް ނެތް.“
24 މި ވާހަކަތަކުގެ އަޑު އިވުމުން ބައިތުލް މަޤްދިސްގެ ސިފައިންގެ ވެރިޔާއާއި ބޮޑު އިމާމުންނަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގި ވާނުވާއެއް ނޭނގި ހައިރާންވިއެވެ. 25 ހަމަ އެވަގުތު ބަޔަކު އައިސް ޚަބަރު ދިނެވެ. ”ތިޔަބޭފުޅުން ހައްޔަރުކޮށް ޖަލަށް ލީ މީހުން ބައިތުލް މަޤްދިސްތެރޭ މީސްތަކުންނަށް ކިޔަވާދިނުމަށް އެބަތިބި.“
26 ދެން ބައިތުލް މަޤްދިސްގެ ސިފައިންގެ ވެރިމީހާ އޭނާގެ ސިފައިން ގޮވައިގެން ގޮސް އީސާގެފާނުގެ މަންދޫބުން ހައްޔަރުކޮށް ގެންދިޔައެވެ. ނަމަވެސް އެމީހުން މި ފަހަރަކު އެއްގޮތަކަށް ވެސް ބާރުގެބޭނުމެއް ނުކުރެއެވެ. އެއީ ސިފައިން އީސާގެފާނުގެ މަންދޫބުންނާ ދޭތެރޭ ހަރުކަށިކޮށް ކަން ކުރަނިކޮށް ފެނިއްޖިއްޔާ އެތާނގައިވާ މީސްތަކުން ގާ އުކާ އެ ސިފައިން މަރާލަފާނެތީ ގަންބިރަށެވެ. 27 އީސާގެފާނުގެ މަންދޫބުން ބަނީއިސްރާއީލުގެ ދީނީކޯޓަށް ގެނެވުނެވެ. އަދި އުއްތަމަ އިމާމު އެމީހުންނާއި ސުވާލު ކުރެއްވިއެވެ. 28 ”އަހަރެމެން ކަލޭމެންނަށް އީސާގެފާނުގެ ނަމުގައި މީސްތަކުންނަށް އެއްވެސް އެއްޗެއް ކިޔާ ނުދިނުމަށް އިންޒާރުކޮށް ނާންގަންތަ؟ އެކަމަކު ކަލޭމެން އަހަރެމެން ބުނި ބަހަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ ގޮސް ކަންތައް ކުރިގޮތް ބަލާބަލަ! ކަލޭމެން ތި ކިޔަވާދޭ ވާހަކަތައް މުޅި ޖެރޫސަލަމަށް ފެތުރިއްޖެ. އަދި ކަލޭމެން ތިޔަ އުޅެނީ ތިޔަ މީހާގެ މަރުގެ ޒިންމާ އަހަރެމެންގެ ބޮލުގަ އަޅުވަންތަ؟“
29 ޕަތަރަސްއާއި އެހެން ވެސް މަންދޫބުން މި ފަދައިން ބުނެ ޖަވާބުދިނެވެ. ”އަޅުގަނޑުމެން ކިޔަމަންވަނީ އިންސާނުންގެ ބަސްތަކަކަށް ނޫން. އަޅުގަނޑުމެން ކިޔަމަންވަނީ މާތްރަސްކަލާނގެ ބަސްފުޅަށް. 30 ތިޔަބޭފުޅުންގެ ބަހަށް އީސާގެފާނު ސަލީބަކަށް މޮހޮރު ޖަހާ ހަރުކޮށް މަރާލި. ނަމަވެސް މާތްރަސްކަލާނގެ، އަޅުގަނޑުމެންގެ ކާބަފައިން ވެސް ހަމަ އެކަލާނގެއަކަށް އަޅުކަން ކުރި ކަލާނގެ ކަމުގައިވާ މާތްރަސްކަލާނގެ އީސާގެފާނު މަރުވުމަށް ފަހު އަލުން ދިރުއްވި. 31 އެންމެ މަތިވެރިކަލާނގެ ދެއްވާ އެންމެ މަތިވެރި މަޤާމުގައި އެކަލާނގެ އީސާގެފާނު ލެއްވި. މަތިވެރި ވެރިއަކު ކަމުގަޔާއި، އަދި މީސްތަކުންގެ ދިންނެވުން ކަމުގައި އެކަލޭގެފާނު ލެއްވި. މާތްރަސްކަލާނގެ މި ފަދައިން ކަން ކުރެއްވީ އެއީ ބަނީއިސްރާއީލުގެ އެންމެ ހާ މީސްތަކުން ވެސް އެކަލޭގެފާނުގެ ކިބައަށް އެނބުރި ތައުބާވުމުން އެއެންމެންގެ ފާފަތައް ވެސް ފޮހެވި އެމީހުންނަށް ވެސް އަލުން ފުރުސަތެއް ދެއްވުމަށްޓާކާ. 32 އަޅުގަނޑުމެން އެންމެންނަކީ މި ކަންތައްތައް ލޮލުންދެކި އެކަމުގެ މައްޗަށް ހެކިވާ މީހުން. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ކިޔަމަންވާ މީހުންނަށް އެކަލާނގެ ދެއްވާ މާތްރޫޙުފުޅު ވެސް މިހުރިހާ ކަމަކީ ތެދުކަމަށް ހެކިވޭ.“
33 އީސާގެފާނުގެ މަންދޫބުންގެ މި ބަސްތައް އަޑު އިވުމުން ބަނީއިސްރާއީލުންގެ ބޮޑުން ރުޅިއައިސް ރަތްވެ އެ މަންދޫބުން މަރާލަން އުޅުނެވެ. 34 ނަމަވެސް އެވަގުތު އެ ކޯޓުގައި ވީ ބަނީއިސްރާއީލުގެ ބޮޑުންގެ ތެރެއިން ފަރީސީ މަޒުހަބުގެ ގަމަލީލު އޭ ކިޔުނު މީހަކު ތެދުވެ އީސާގެފާނުގެ މަންދޫބުންނަށް އިރު ކޮޅަކަށް ބޭރަށް ނުކުތުމަށް އެންގިއެވެ. މި ގަމަލީލު އަކީ ބަނީއިސްރާއީލުގެ އެންމެން ވެސް ވަރަށް އިޙުތިރާމު ކުރާ ދީނުގެ ދަންނަބޭކަލެކެވެ. 35 މި ގަމަލީލު އެ ކޯޓުގެ މީހުންނަށް މުޚާޠަބުކޮށް ބުންޏެވެ. ”ބަނީއިސްރާއީލު މީސްތަކުންނޭ. ތިޔަބައިމީހުން މިމީހުންނާއި މެދު ކަންތައްތައް ކުރަން ތިޔަ ޤަސްތު ކުރާ ގޮތާއި މެދު ވަރަށް ބޮޑަށް ވިސްނާ ބަލާތި. 36 ތުދާހުގެ މަތިން ހަނދާން ކޮށްބަލަ. އޭނާ ވެސް ބުނި ތިމަންނައަކީ ވަރަށް މަތިވެރި މީހެކޭ. އޭނާގެ ބަސް ގަބޫލުކޮށް އޭނާގެ ކޮޅަށް ހަތަރުސަތޭކައެއްހާ މީހުން ވެސް ޖެހުނު. އެކަމަކު އެ ތުދާހު ބަޔަކުގެ އަތުން ޤަތުލުވި. އަދި އޭނާގެ ބަސް ގަބޫލު ކުރި އެންމެން ވިއްސި ވިހާލި ވެގެން ދިޔަ. 37 އަދި ފަހުން ބޯހިމެނުމުގެ ދުވަސްވަރު ޔުދާސް އޭ ކިޔާ ގަލީލީގެ މީހަކުވެސް ބަޣާވަތެއް ކުރުމަށް ބަޔަކަށް ހިތްވަރު ދިން. ނަމަވެސް އޭނާ ވެސް ބަޔަކު އަތުން ޤަތުލުވެ އޭނާގެ ބަސް ގަބޫލު ކޮށްގެން އުޅުނު އެންމެން ވެސް ވިއްސި ވިހާލިވެ ނެތިގެން ހިނގައްޖެ.
38 އެހެން ކަމުން އަހަރެން ތިޔަބައިމީހުންނަށް ބުނަން. މި ބައިމީހުން އެކުރާ ކަންތަކާ ނުބެހޭ. އެމީހުން އެކުރާ ކަމެއް ކުރަން ދޫކޮށްލާ. އެމީހުން އެ ކުރާ ކަންތަކަކީ އިންސާނެއްގެ ރޭވުމެއްގެ މަތިން ކުރާކަމެއް ނަމަ އެކަން އުވި ނެތިގެން ހިނގައިދާނެ. 39 ނަމަވެސް އެމީހުން އެ ކުރާ ކަންތައްތައް އެކުރަނީ މާތްރަސްކަލާނގެ އެންގެވި އެންގެވުމަށް ކަމުގައި ވަނީ ނަމަ ކަލޭމެންނަކަށް އެމީހުންނެއް ނުހުއްޓުވޭނެ. އަދި ކޮބާ އޭރުން ކަލޭމެންނަށް އެ އިދިކޮޅު ވެވެނީ މާތްރަސްކަލާނގެ ކިބަފުޅާއި މެދު ކަމުގައި ވެސް ވެދާނެ.“
40 ގަމަލީލުގެ މި ބަސްތަކަށް ބަނީއިސްރާއީލުގެ ވެރިން އެއްބަސްވިއެވެ. ދެން އެމީހުން އީސާގެފާނުގެ މަންދޫބުން އަނބުރާ އެތަނަށް ގެނެސް އެމީހުންގައިގައި ތެޅުމަށް ނިޔާކަނޑައެޅިއެވެ. އަދި ހަމަ އެވަގުތު ބައިތުލް މަޤްދިސްގެ ސިފައިން އެމީހުންގައިގައި ހަންމުށިއެޅިއެވެ. އެއަށް ފަހު ދެން ދުވަހަކު ވެސް އީސާގެފާނުގެ ނަމުގައި އެއްވެސް ވާހަކައެއް ނުދެއްކުމަށް އަމުރުކޮށް އިންޒާރުކޮށްފައި އީސާގެފާނުގެ މަންދޫބުން ފޮނުވާލިއެވެ. 41 އީސާގެފާނުގެ މަންދޫބުން އެ ކޯޓުން އެނބުރި ދިޔައީ އުފާކުރަމުންނެވެ. އެއީ އެމީހުންނަކީ އީސާގެފާނުގެ ޙައްޤުފުޅުގައި އަނިޔާ ލިބުން އެކަށީގެންވާ ބަޔަކު ކަމުގައި މާތްރަސްކަލާނގެ ދެކެވޮޑިގެންވީތީއެވެ. 42 އަދި އެއަށް ފަހު ކޮންމެދުވަހަކު އެމީހުން ބައިތުލް މަޤްދިސްގައާއި އަދި މީސްތަކުންގެ ގޭގޭގައި ވެސް މީސްތަކުންނަށް ކިޔަވާދެމުން ގެންދިޔައެވެ. އަދި އީސާގެފާނަކީ މާތްރަސްކަލާނގެ ހޮއްވަވާ ޚާއްސަކުރައްވާ މީސްތަކުން ދިންނެވުމަށް ފޮނުއްވި އަލްމަސީޙު ކަމުގެ ހެޔޮޚަބަރުފުޅު އަންގަމުން ގެންދިޔައެވެ.