5
އީމާންތެރިކަމުގެ ކާމިޔާބީ 
 
1 އީސާގެފާނަކީ އަލްމަސީޙު ކަން ގަބޫލުކުރާ ކޮންމެ މީހަކީ މާތްކަލާނގެ ދަރިއެކެވެ. މާތްކަލާނގެއަކީ އަހަރެމެންގެ ބައްޕާފުޅެވެ. ބައްޕާފުޅު ދެކެ ލޯބިވާ މީހުން ބައްޕާފުޅުގެ ދަރިން ދެކެ ވެސް ލޯބިވެއެވެ.  
2 އަހަރެމެން ތެދުހިތުން މާތްރަސްކަލާނގެ ދަރިން ދެކެ ލޯބިވާކަން އެނގޭނީ އެކަލާނގެ ކިބަފުޅަށް ލޮބުވެތިކޮށް ހިތައި އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރުންމަތީ ދެމިތިބޭ ނަމައެވެ.  
3 މާތްކަލާނގެ ދެކެ ލޯބިވަމޭ ބުނެވޭ ބަހުގެ މާނައަކީ އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމެވެ. އެކަލާނގެ އަމުރުފުޅުތަކަކީ ބުރަ އަމުރުފުޅުތަކެއް ނޫނެވެ.   
4 އެކަލާނގެ ކޮންމެ ދަރިއަކަށް ވެސް ޝައިތާނީ ދުނިޔޭގެ މައްޗަށް ފަތަޙަ ހޯދުމުގެ ކުޅަދާނަކަން ލިބިފައިވެއެވެ. މި ފަތަޙަ އަހަރެމެންނަށް ލިބެނީ އަހަރެމެންގެ އީމާންތެރިކަމުންނެވެ.  
5 އެހެންނޫންނަމަ މި ދުނިޔެ ފަތަޙަ ކުރެވޭނީ ކާކަށްހެއްޔެވެ؟ އެކަން ކުރެވޭނީ އީސާގެފާނަކީ މާތްރަސްކަލާނގެ ދަރިކަލުންކަމަށް ގަބޫލުކުރާ މީހަކަށެވެ.   
އީސާގެފާނާ ބެހޭ ތެދު ޙަޤީޤަތް 
 
6 އީސާ އަލްމަސީޙުއަކީ މާތްރަސްކަލާނގެ ދަރިކަލުންކަން ފާޅުވެގެން ދިޔައީ އެކަލޭގެފާނު ފެނުން ތައުބާގެ ހިނެވުން ހިނެވުމުންނާއި ސަލީބަށް އެރުވިފައިވީ ހިނދު އޮހުނު ލޭފޮދުންނެވެ. ހަމައެކަނި ފެނަކުން ނޫނެވެ. މިކަންތަކަށް ޚުދު މާތްރޫޙުފުޅު ވެސް ހެކިވެއެވެ. އެހެނީ އެ ރޫޙުފުޅަކީ ޙައްޤުތެދު ކަމަށް ވާތީއެވެ.  
7 މިކަންތަކުގެ މައްޗަށް ތިނެއްޗެއް ހެކިވެއެވެ.  
8 އެއީ މާތްރޫޙުފުޅާއި ފެނާއި ލެޔެއެވެ. މިތިނެތި އެއްބަސްވެއެވެ.  
9 އަހަރެމެން އިންސާނުންގެ ހެކިބަސް ވެސް ގަބޫލު ކުރަމެވެ. މާތްކަލާނގެ ހެކިވެ ވޮޑިގަތުން އިންސާނެއްގެ ހެކިބަހަށް ވުރެން މާ މަތިވެރި ކަމެކެވެ. އެކަލާނގެ ވަނީ އެ ދަރިކަލުންނާ މެދު މި ގޮތަށް ހެކިވެ ވޮޑިގެންފައެވެ.  
10 އެހެންކަމުން އެ ހެކިބަސް ވަނީ މާތްކަލާނގެ ދަރިކަލުން ގަބޫލު ކުރާ މީހުންގެ ހިތުގައި ބިންވަޅު ނެގިފައެވެ. އެކަމަކު މާތްކަލާނގެ ގަބޫލު ނުކުރާ މީހުން އެކަލާނގެ ބަސްފުޅު ދޮގު ކުރެއެވެ. އެހެނީ އެމީހުން އެކަލާނގެ ދަރިކަލުންނާ މެދު ވަޙީކުރެއްވި ބަސްފުޅު ގަބޫލެއް ނުކުރެއެވެ.  
11 މި ބުނެވުނު ހެކީގެ ބަޔާނަކީ މިއީއެވެ: މާތްކަލާނގެ ވަނީ އަހަރެމެންނަށް ނިމުމެއްނުވާ ދިރިހުރުން ދެއްވާފައެވެ. މި ދިރިހުރުން އަހަރެމެންނަށް ލިބިފައި ވަނީ އެ ދަރިކަލުން މެދުވެރި ވެގެންނެވެ.  
12 އެ ދަރިކަލުން ލިބިގެންފި ކޮންމެ މީހަކަށް މި ދިރިހުރުން ލިބޭނެއެވެ. އެ ދަރިކަލުން ލިބިނުގަންނަ މީހަކަށް ނިމުމެއްނުވާ ޙަޔާތެއް ނުލިބޭނެއެވެ.   
ނިމުމެއްނުވާ ޙަޔާތް 
 
13 އަހަރެން މި ސިޓީ ތިޔަބައިމީހުންނަށް މި ލިޔަނީ ތިޔަ ބައިމީހުންނަށް ނިމުންނުވާ ޙަޔާތް ލިބިފައިވާކަން އެނގޭނެ ހެން ވުމަށެވެ. އެއީ ތިޔަބައިމީހުން މާތްކަލާނގެ ދަރިކަލުން ގަބޫލު ކުރުމުންނެވެ.  
14 މާތްކަލާނގެއާ ކުއްތަންވުމުގެ ހިތްވަރު އަހަރެމެންނަށް ލިބިފައިވެއެވެ. އެގޮތަކީ އަހަރެމެން ކަމަކު އެދި އެކަލާނގެ ޙަޟްރަތުގައި ދަންނަވައިފިނަމަ އެކަލާނގެ އެ އަޑު އައްސަވައި އެކަލާނގެ އިރާދަފުޅު ކުރައްވާ ގޮތަކަށް އެކަންތައް ހިންމަވައި ދެއްވާނެއެވެ.  
15 އަހަރެމެން ކަމަކު އެދި ދަންނަވާ ކޮންމެ ފަހަރަކު އެކަލާނގެ އެއަޑު އައްސަވާކަން އަހަރެމެންނަށް އެނގެއެވެ. އަދި އެކަލާނގެ އަހަރެމެން އެދި ދަންނަވާ ކަންތައް ފުއްދަވައި ދެއްވާނެކަން ވެސް އަހަރެމެންނަށް އެނގެއެވެ.   
16 އީމާންކަން މަތީ ހުރި މީހަކު މަރުވެ ނުދާ ފަދަ ފާފައެއް ކުރާތަން ފެނިއްޖެނަމަ އޭނާއަށްޓަކައި ތިޔަބައިމީހުން ދުޢާކުރާށެވެ. އޭރުން އެކަލާނގެ އެމީހަކަށް ދިރިހުރުން ދެއްވާނެއެވެ. އެކަމަކު އެއީ މީހާ މަރުވެ ނެތިދާފަދަ ފާފައެއް ކުރާ މީހެއް ނަމަ އެފަދަ ފާފަތަކުގެ އަދަބުން ސަލާމަތްކުރެއްވުން އެދި ދުޢާ ދަންނަވާށެއެކޭ އަހަރެންނެއް ނުބުނަމެވެ.  
17 ކޮންމެ ނުބައިކަމަކީ ފާފައެކެވެ. އެކަމަކު ކޮންމެ ފާފައެއްގެ ސަބަބުން މަރުވެ ނެތިއެއް ނުދެއެވެ.   
18 މާތްކަލާނގެ ދަރިން ފާފަ ކުރުންމަތީ ދެމިނުތިބޭނެކަން އަހަރެމެންނަށް އެނގެއެވެ. އެހެނީ މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު އެމީހުން އެކަންތަކުން ރައްކާތެރި ކުރައްވާނެއެވެ. އަދި ޝައިތާނާއަށް އެމީހުންގެ މައްޗަށް ބާރުފޯރުވައި ގެއްލުމެއް ނުކުރެވޭނެއެވެ.   
19 އަހަރެމެންނަކީ މާތްކަލާނގެ ދަރިންކަން އަހަރެމެން ޔަޤީން ކުރަމެވެ. އެކަމަކު އަހަރެމެންގެ ވަށައިގެންވާ ދުނިޔެ މިވަނީ ޝައިތާނާގެ ބާރުގެ ދަށުގައެވެ.   
20 މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ.  
21 އަހަރެންގެ ލޯބިވާ ދަރިންނޭވެ! ތިޔަބައިމީހުންގެ ހިތުގައިވާ މާތްކަލާނގެ މަޤާމު އަތުލައިފާނެ ހުރިހާ ވިޔާނުދާ ކަމަކުން ދުރުހެލިވެ ތިބޭށެވެ.