ޔޫޙަންނާ ލިޔެފޮނުވި ދެވަނަ ސިޓީ  
ތަޢާރަފް  
މިއީ މަސީޙީންގެ ޙަޔާތުގައި ލޯބީގެ މުހިންމު ކަމުގެ މައްޗަށް ބަލައި ޔޫޙަންނާ ލިޔެފައިވާ އިތުރު ސިޓީއެކެވެ. އޭނާ އިޝާރާތް ކޮށްފައި ވަނީ ލޯތްބާއި ޙަޤީޤަތް ދާން ޖެހޭނީ އެކުއެކީގައި ކަމުގައެވެ. ޙަގީގަތުގައި އަލްމަސީޙަކީ ވެސް އިންސާނެއް ކަމުގައި އަހަރެމެން އެންމެންމެ ގަބޫލުކުރާން ޖެހެއެވެ. އަދި އަހަރެމެން އެކަކު އަނެކަކާ މެދު ލޯބިވާން ވެސް ޖެހޭނެއެވެ.  
އެކުލެވިގެން ވަނީ:  
ތަހުނިޔާއާއި ދުޢާ (1-3)  
ޙަގީގަތާއި ލޯބި (4-11)  
އެންމެފަހުގެ ތަހުނިޔާ (12-13)   
1
ތަހުނިޔާ 
 
1 ޚާއްސަވެގެންވާ ކަމަނާއާއި އެކަމަނާގެ ދަރިންނަށްމަސީޙީ ޖަމާޢަތުގެ އިސް މީހެއް ކަމަށްވާ ޔޫޙަންނާގެ ފަރާތުން ލިޔެ ފޮނުވަމެވެ. ތިޔަ ހުރިހާ އެންމެން ދެކެ ތެދުވެރިކަމާއެކުގައި އަހަރެން ލޯބިވަމެވެ. އަދި ތެދު ޙަގީގަތަކީ ކޮބައިކަން ދަންނަ ހުރިހާ އެންމެން ވެސް ތިޔަބައިމީހުން ދެކެ މިފަދައިން ލޯބިވެއެވެ.   
2 ތިޔަބައިމީހުންދެކެ އަހަރެމެން ލޯބިވުމުގެ ސަބަބަކީ މިހާރު އަހަރެމެން އެންމެންގެ ހިތުގައި ތެދު ޙަޤީޤަތް ވާތީއެވެ. އަދި އަބަދުގެ އަބަދަށް އެކަން އެގޮތުގައި ވާނޭތީ ވެސްމެއެވެ.   
3 މާތްރަސްކަލާނގެ، މަތިވެރި ބައްޕާފުޅު އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙު އަހަރެމެންނަށް ނިޢުމަތާއި ރަޙުމަތް ލެއްވުން އެދި ދުޢާކުރަމެވެ. އެ ފަރާތްޕުޅުން ސުލްޙަވެރިކަމާއި ތެދު ޙަގީގަތާއި އަދި ލޯބި އަހަރެމެންނަށް ދެއްވާށިއެވެ.   
ތެދު ޙަޤީޤަތާއި ލޯބި 
 
4 މަތިވެރި ބައްޕާފުޅު އަހަރެމެން އަމަލު ކުރުމަށް އެންގެވި ފަދައިން ތިޔަބައިމީހުންގެ ބައެއް ދަރިން ތެދު ޙަޤީޤަތާއިމެދު ކިޔަމަންތެރިކަން އަދާކުރާކަން އެނގުމުން އަހަރެން ނުހަނު އުފާ ކުރަމެވެ.  
5 ލޯބިވާ ކަމަނާއެވެ! ތިޔަބައިމީހުން މީގެ ކުރީން އަމަލުކޮށްފައި ނުވާ ކަމެއް ކުރަން އެންގުމަކަށް އަހަރެން މިސިޓީއެއް ނުލިޔަމެވެ. އަހަރެން މި ސިޓީގައި މި ލިޔަނީ ތިޔަބައިމީހުން އެކަކު އަނެކެއްގެ މައްޗަށް ލޯބި ވުމަށެވެ. އެއީ އެންމެ ފުރަތަމައިނުން ތިޔަބައިމީހުން ކުރުމަށް އަންގަވާފައިވާ ކަންތަކެވެ.  
6 ލޯބިވުމުގެ މާނައަކީ މާތްރަސްކަލާނގެ އެންގެވި ފަދައިން އަހަރެމެން އަމަލުކުރުން ވެސް މެއެވެ. އަދި ފެށުމުގައި ވެސް އެންމެ ފުރަތަމަ، އެ ކަލާނގެ އެންގެވީ އެކަލާނގެއާއި އެހެނިހެން މީހުން ދެކެ ލޯބި ވުންމަތީ ތިޔަބައިމީހުންގެ ދިރިއުޅުން ހޭދަ ކުރަމުން ގެންދިއުމަށެވެ.   
7 އެތަކެއް ދޮގުވެރިން ވަނީ މި ދުނިޔެތެރެއަށް ފެތުރިފައެވެ. އެ މަކަރުވެރި ދޮގުވެރިން ބުނެފައި ވަނީ އީސާ އަލްމަސީޙަށް ކައްޓާ މަހުން އެކުލެވިފައިވާ ފުރިހަމަ ހަށިކޮޅެއް ޙަގީގަތުގައި ލިބިވަޑައިގެންފައި ނުވާ ކަމުގައެވެ. ނަމަވެސް އެބައިމީހުންނީ ދޮގުވެރިންނެވެ. އަދި އަލްމަސީޙުގެ ޢަދުއްވުން ވެސްމެއެވެ.  
8 ވީމާ، އަހަރެމެން މިކުރި ބުރަ މަސައްކަތުން ތިޔަބައިމީހުންނަށް ލިބިދެނިވި ހެޔޮ ޖަޒާ ގެއްލި ނުދާނޭކަން ޔަޤީނެވެ. ސަމާލުވެ ތިބޭށެވެ. އޭރުން ތިޔަބައިމީހުންނަށް ފުރިހަމަ ގޮތުގައި ހެޔޮ ޖަޒާ ލިބޭނެއެވެ.   
9 އަލްމަސީޙުގެ އުނގަންނަވައި ދެއްވުން ފަހަނައަޅައި މިސްރާބެއްނެތި ހިނގައްޖެ ކަމުގައިވާނަމަ، މާތްރަސްކަލާނގެ އާއި ތިޔަބައިމީހުންނާއި ދެމެދުގައިވާ ގުޅުން ގެއްލި ދާނެއެވެ. ނަމަވެސް އަލްމަސީޙު އުނގަންނަވައި ދެއްވި ކަންތަކުގައި ތިޔަބައިމީހުން ހިފަހައްޓައި ގާއިމުވެ ތިބެއްޖެނަމަ މަތިވެރި ބައްޕާފުޅާއި ދަރިކަލުން ތިޔަބައިމީހުންނާއި އެކު ވޮޑިގެންވާނެއެވެ.  
10 މި އުނގަންނައި ދިނުމާއި ދެކޮޅު ހަދާ އެދުރުން ތިޔަބައިމީހުންގެ ގެތަކަށް އައުމަށް ދަޢުވަތު ނުދޭށެވެ. އެމީހުންނަށް މަރުހަބާ ނުކިޔާށެވެ.  
11 އެފަދަ މީހުންނަށް މަރުހަބާ ކިޔާ މީހާއަކީ ވެސް އެބައިމީހުންގެ ނުބައި އަމަލުތަކުގައި ޙިއްސާ ވެދާނެ ބައިވެރިއެއް މެއެވެ.   
އެންމެ ފަހު ތަހުނިޔާ 
 
12 ތިޔަބައިމީހުންނަށް ގިނަ ކަންތައްތަކެއް ބުނެދޭންވެފައި އެބަހުރިމެއެވެ. ނަމަވެސް އެ ވާހަކަތައް ގަލަމާއި ދެލިން ލިޔުމަކަށް އަހަރެން ނޭދެމެވެ. ނުހަނު އަވަހަށް ތިޔަބައިމީހުންގެ ގާތަށް އައުމަށް އަހަރެން އުންމީދު ކުރަމެވެ. އެއީ ތިޔަބައިމީހުންނާ ބައްދަލުކޮށް އެވާހަކަތައް ދެއްކުމަށެވެ. އެގޮތުން އަހަރެމެންގެ އުފާވެރިކަން ފުރިހަމަވެގެން ދާނެއެވެ.   
13 މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި ޚާއްސަ އުޚުތާގެ ފަރާތުން ތަހުނިޔާ ފޮނުވަމެވެ.